ޚަބަރު

އެޗްއާރުސީއެމުން ގޮވާލީ އެމްއެމްސީއާއި ބްރޯޑްކޮމް ވަކިން ބޭއްވުމަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޗްއާރުސީއެމްެގެ ބައްދަލުވުމެއްގެ ތެރެއިން--

މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަންއެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލު ފާސްކުރުމުގެ ބަދަލުގައި މިހާރު ވެސް އޮތް ގޮތަށް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ވެސް ބޭއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.

މި ވަގުތު ކޮމިޓީ މަރުހަލާގައި އޮތް ބިލުގައިވާ ގޮތުން  އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.

އަދި އެ ކޮމިޝަންގެ މެމްބަރުން ފިޔަވައި ދެން ތިބޭ މުވައްޒަފުންގެ މައްޗަށް ހިނގާނީ ސިވިލް ސާވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތައް ކަމަށް ބިލުގައި ބުނެފައި ވެއެވެ.

އަދި އެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރާނީ ކޮމިޝަންގެ މެމްބަރުންގެ މަޝްވަރާއާއެކު ސިވިލް ސާވިސްއިން ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް އެ ބިލަށް އެޗްއާރުސީއެމްއިން މިއަދު ހުށަހެޅި އިސްލާހުގައި ބުނީ އާ ކޮމިޝަންއަކީ މިނިވަން ކޮމިޝަންއެއް ކަމަށް ބަޔާންކޮށްފައިވާ އިރު ސިވިލް ސާވިސްގެ މުވައްޒަފުން ތިބުމަކީ ރާއްޖޭގައި އަމަލުކުރަމުންދާ ގޮތެއް ނޫން ކަމަށެވެ.

އެހެންކަމުން ކޮމިޝަންއަށް ބޭނުންވާ މުވައްޒަފުން ނަގައި ވަކިކުުރުން ކޮމިޝަންއިން ކުރާ ގޮތަށް ހަދަން އެޗްއާރުސީއެމްއިން ވަނީ އިސްލާހު ހުށަޙަޅައިފަ އެވެ.

މީގެ އިތުރުން މިނިވަން މީޑިއާ ރެގިއުލޭޓް ކުރުމާއި ބްރޯޑްކާސްޓިން އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަކީ ވަރަށް ތަފާތު ދެ ކަމަކަށް ވާތީ އެއް ހަމަތަކުގެ ތެރެއިން އެއް ކޮމިޝަނަކުން އެ ދެ ކަން ރެގިއުލޭޓް ކުރުމުން ވަރަށް ގިނަ މައްސަލަތައް ނުކުންނާނެ ކަން ފާހަގަކުރި އެވެ.