ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ނިމިގެން ދިޔަ ސަރުކާރުގައި ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ކުރިން ގޯތި ދޫކުރަން ނިންމާފައި އޮތް ޕްލޭންއަށް މި ސަރުކާރުން ވަނީ ބަދަލުގެނެސްފަ އެވެ.
އެގޮތުން ގުޅިފަޅުން އެކަނިވެސް 2000އަށް ވުރެ ގިނަ ގޯތި ދޫކުރަން ނިންމާފައިވާ އިރު ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ވެސް ގުޅީފަޅުން ދޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ.
އަދި މިދިޔަ މަހު އަލުން ގޯތިތަކުގެ ގުރު ނަގައިފައިވާ އިރު މިދިޔަ ޖުލައި މަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން ވަނީ ފަށައިފަ އެވެ.
ހައުސިން މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
ގުޅީފަޅަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ގޯތި ލިބި، ރަޖިސްޓްރީއަށް އިންތިޒާރުކުރަމުންދިޔަ ފަރާތްތަކަށް މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ހައުސިން މިނިސްޓްރީން ބުނީ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވީހާ ވެސް އަވަހަކަށް ނިންމައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ ބާރާއި މިލްކުވެރިކަން އަވަހަށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ގުޅީފަޅު ތަރައްގީކޮށް ނިންމުމަށްފަހު, އެތަނުގައި ދިރިއުޅުން ފެށުމުގެ ފުރުސަތު ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.