އައްޑޫގައި މަސްވެރިކަމާ ބެހޭ ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއެރުވުމުގެ ގޮތުން އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ މުހިންމު މަޝްރޫއެއް ކުރިއަށް ގެންދަން ޗައިނާގެ ކުންފުންޏަކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން އެ އެމްއޯޔޫގައި ސޮއިކުރީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު އެވެ.
އެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެެވެ.
އެ އެމްއޯޔޫގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓާ ޕްލޭނާއި، މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވިކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.
އަދި އައްޑޫ ސިޓީގެ ލޮކޭޝަންއަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދުކަމަށް ބެލެވޭ ކަމަށާއި އެ މަޝްރޫއު ފެށުމުގެ މައިގަނޑު މަގުސަދަކީ އައްޑޫ ސިޓީގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޭގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.