ޚަބަރު

ބޮޑުތަކުރުފާނުމަގު ފަޅު ބަންދުކުރުމުން އުޅަނދުތަކަށް ހެންވޭރު ފެރީ ޓާމިނަލް ސަރަޙައްދު ހަމަޖައްސައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގުގެ މަސައްކަތަށް ކުރިއަށްދާ ސަރަޙައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް ހެންވޭރު ފެރީ ޓާމިނަލު ސަރަޙައްދު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

Ads by MPL

އެމްޓީސީސީއިން ވިދާޅުވީ، މިގޮތަށް ހަމަޖެއްސެވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢު ފެށުމާއެކު އެ ސަރަޙައްދާ އިންވެގެން އޮންނަ ފަޅު މިހާރު ބަންދުކުރެވިފައިވާތީ އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

އެގޮތުން، އަތޮޅު ފެރީ ލޯންޗުތަކުން މީހުން އަރުވާ ބޭލުމަށް ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ފަޅުގެ ސަރަޙައްދު މިހާރު ބޭނުންކުރެވޭނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. އަދި އަތޮޅު ފެރީ ލޯންޗުތަކުންދަތުރުކުރާ ފަރާތްތަކުން، ފުރުމަށް 10 މިނިޓަށްވުމުން ފަޅަށްވަދެ މީހުން އެރުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް ބަންދުކޮށްފައިވާ ފަޅަކީ، މާލެއިން ރަށްރަށަށް ދަތުރުކުރާ ގިނަ އަދަދެއްގެ ފެރީތަކާއި، ލޯންޗުތައް ބޭނުންކުރަމުން ލަފާފުރުމަށް ބޭނުކުރަމުންއައި ސަރަހައްދުކަމަށްވުމުން މިހާރު ހެންވޭރު ފެރީ ޓާމިނަލު ފަޅު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ، ފެރީ، ލޯންޗު އޮޕަރޭޓްކޮށް ބޭނުންކުރާ ފަރާތްތަކަށް ލުޔެއް ލިބޭނެ ކަމެއްކަމަށް އެމްޓީސީސީއިން ޤަބޫލުކުރެއެވެ.

މީގެއިތުރުން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަދައްކަވަމުން، އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރ އަބްދުﷲ ފާއިޒް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ޓްރެފިކް ފްލޯއަށާއި ފަޅު ބަންދުކުރުމާއެކު އަންނަ ބަދަލުތައް ވީހާވެސް އަވަހަަކަށް އަންގަމުންދާނެކަމަށެވެ. އަދި އެބަދަލުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަަމަށެވެ.

"ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް ޕޮލިސްގެ ސޯޝަލް މީޑިއާގައި ހިއްސާކުރެވިގެންދޭ، އަދި ސިޓީ ކައުންސިލުންވެސް ފަޅުތެރެ ބަންދުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށް، ފަޅުވެރިންނަށް އަންގަންޖެހޭ އެނގުންތައް އަންގަމުންދާނެ. މި މަސައްކަތުގެ ތެރެއިން ފަޅުބޭނުންކުރުމަށާއި، ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލުތައް މޯލްޑިވްސް ޕޮލިސްސަރވިސްއާއި އެމްޓީސީސީއާޢި ކަމާގުޅުންހުރި އިދާރާތަކުން އެ މަޢުލޫމާތު ފޯރުކޮށްދެމުންދާނެ" އަބްދުﷲ ފާއިޒް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ، މާލެ ތޮއްޖެހުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތެކެވެ.

ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީވެގެން ދިއުމާއެކު މާލެ ސިޓީ ވެގެންދާނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

Ads by Ooredoo