ޚަބަރު

ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން-- ފޮޓޯ/ އެމްޓީސީސީ

ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ބުނެ ބ. ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

Ads by STELCO

"ޗޭންޖު އޯގް" ވެބްސައިޓުގައިވެސް ޝާއިއުުކޮށްގެން ސޮއި ހޯދަމުންދާ އެ ޕެޓިޝަނަކީ ރާއްޖޭގައި ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ  ރެސިލިއަންސް މޯލްޑިވްސްއިން ހުށަހަޅައިގެން ކުރިއަށް ގެންދާ ޕެޓިޝަނެކެވެ.

3500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި ދޮންފަނުގެ ބިން ހިއްކުމުން އެތަނާކައިރިގައި އޮންނަ ހިމާޔަތްކޮށްފައިވާ ބަޔޯސްފިޔާ ރިޒާވްގައި ވެސް ހިމެނޭ ހަނިފަރުގެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ.

އެގޮތުން ބިން ހިއްކުމުން އެ ސަރަހައްދުގައި އޮއި ދެމޭ ގޮތް ބަދަލުވެ އެ ސަރަހައްދު ކިސަޑުވެ އެ ތަނުފައި ދިރިއުޅޭ މަންތާ ރޭއާއި ވޭލް ޝާކުގެ ވެއްޓަށް ބޮޑެތި އަސަރުތަކެއް ވެސް ކުރާނެ އެވެ.

ހަމަ އެހެންމެ ޓޫރިޒަމްއާއި މަސްވެރިކަމަކީ ވެސް ކަނޑުގެ ދިރުންތަކުން ނަފާ ހޯދާ ދާއިރާތަކަަކަށް ވާތީ އެ ދާއިރާތަކަށް ވެސް އަސަރުކުރާނެ ކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.

އެހެންވެ ހަނިފަރު ހިއްކުމުގެ މަޝްރޫއާމެދު ސަރުކާރުން އަލުން ވިސްނުމަށް ވެސް ޕެޓިޝަންގައި ގޮވާލައިފައި ވެއެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މީގެ ތިން ހަފްތާ ކުރިން ނެވެ. އެ މަޝްރޫއުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.