ޔޫއްޕެގެ ލޯބިވާ ދަރިފުޅު ހިތުގައި ޖައްސައިފި

އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "އިލްޒާމް" ގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.
"އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު ހިތުގަ ޖައްސައިފި" ޔޫސުފް ޝަފީއު (ޔޫއްޕެ) މި ޑައިލޮގުން އެކަނިވެސް ފިލްމުގެ އަސަރުގަދަ ކަން ދައްކުވައިދެ އެވެ.
ޔޫއްޕެ އަކީ އެންމެ ދިގު މުއްދަތަކަށް ދިވެހި ސިނަމާގައި މަސައްކަތް ކުރަމުން ގެންދާ އެއް ފަންނާނެވެ. ދާއިރާއިން ގިނަ އެވޯޑުތަކެއްވެސް ހާސިލްކޮށްފައިވާ ޔޫއްޕެ، އިލްޒާމުގައި އަދާކުރަނީ ވަރަށް އޯގާތެރި ބައްޕައެއްގެ ރޯލެވެ. މިއީ އޭނާ އަމިއްލައަށް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު އަޅުވާ "އިލްޒާމް" ގެ ޕޯސްޓަރު
ފިލްމާއި ގުޅޭ މައުލޫމާތު ދެމުން ބުނީ މިއީ ދިވެހި މުޖުތަމައުގެ ހަގީގީ ސޫރަ ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. އަދި މިއީ އާއިލީ ގުޅުންތަކާއި ޖަޒުބާތީ މައްސަލަތަކަށް އަލިއަޅުވައިލާނެ ފިލްމެއްކަމަށް މައުލޫމާތު ދެއެވެ.
އެންމެ ފަހުން "ސޮރީ" އިން ފެނިގެން ދިޔަ ޔޫއްޕެގެ ވަރުގަދަ އެކްޓިންއެއް "އިލްޒާމު" ގައި ފެންނާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެ އެވެ.
މި އަހަރަކީ ގިނަ އަދަދެއްގެ ދިވެހި ފިލްމު ޕްރިމިއާ ކުރާ އަހަރެކެވެ. ދިވެހިން ބޮޑު މަގުބޫލުކަމެއް ލިބެނީ އާއިލީ މައްސަލަތަކާއި އިޖުތިމާއި މައްސަލަތަކުގެ މައްޗަށް އުފައްދާ އަސަރުގަދަ ފިލްމުތަކަށެވެ. "އިލްޒާމް" އަކީ އެފަދަ ފިލްމެއްކަމަށް ޕްރޮޑިއުސަރު ބުންޏެވެ.
"އިލްޒާމް" ގެ ޓިކެޓު މިހާރު ދަނީ ވިއްކަމުންނެވެ. އެ ފިލްމުގެ ހޮޓްލައިން އަށް ގުޅައިގެން ޓިކެޓު ގަނެވޭނެ އެވެ.
