އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓަކަށް ރައީސް ގަތަރަށް ފުރާވަޑައިގެންފި

ޢަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފި އެވެ.
މާދަމާ މި ސަމިޓް ކުރިއަށް ގެންދަނީ، މިދިޔަ ހަފުތާ އަންގާރަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ އެ ސަމިޓްގައި ރައީސް މުއިއްޒު ބަޔާނެއް އިއްވަވާނެއެވެ.
މި ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ، ރާއްޖޭން ގަތަރާ އެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން ގޮވާލާ ގޮވާލުން ތަކުރާރު ކުރި އެވެ.
މި މުނާސަބު ވަގުތުގައި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ގައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.