ޗެނަލް 13ގެ މައްސަލަ ބަލައި ނިންމީ އެއް ރޭގެ ޕްރޮގްރާމް ދެ ގަޑިއިރަށް މެދުކަނޑާލަން އަންގަން

ޗެނަލް 13 ގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް) ބަލައި އެ ޗެނަލްގެ އެއްރޭގެ ޕްރޮގްރާމް ދެ ގަޑިއިރަށް މެދުކަނޑާލަން އަންގަން ބްރޯޑްކޮމްއިން ނިންމައިފި އެވެ.
ޗެނަލް 13 އިން ބްރޯޑްކޮމްގެ މައްސަލަ ބެލީ މިދިޔަ އޭޕްރީލް މަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދިން "ފްރަންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓު ކުރި ބައެއް ވާހަކައިގައި ސުލޫކީ މިންގަނޑާ ހިލާފު ބައެއް ވާހަކަތައް ހުރި ކަމަށް ބުނެއެވެ.
ބްރޯޑްކޮމްއިން އެ މައްސަލަަ ބެލުމަށް ފަހު ނެރުނު ޝަކުވާ ނިންމި ގޮތުގެ ބަޔާނުގައި ބުނީ ޗެނަލް 13 އިން މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކުގައި ނުހިފަހައްޓައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރަތްތައް ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
އެހެންވެ ޗެނަލް 13ގެ ޕްރޮގްރާމްގެ ޝެޑިއުލުން އެއްރޭ 08ކުން 10އަށް މެދުކަނޑާލަން އަންގަން ބްރޯޑްކޮމްއިން މައްސަލަ ބެލި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.
ބްރޯޑްކޮމްއިން ބުނީ ޗެނަލް13އިން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކާ ޗެނަލް13 ހިލާފުވެގެން ތަފާތު ފިޔަވަޅުތައް އެޅި ނަމަވެސް އެކަންކަން ތަކުރާރުކުރަމުންދާ ކަމަށާއި އެކަންކަން އެގޮތަށް ކުރާނަމަ ލައިސަންސް ބާތިލުކުރަން ކޯޓަށް ހުށަހަޅައި ކޯޓުގެ ނިންމުމާ އެއްގޮތަށް ބާތިލުކުރެވިދާނެ ކަމަށެވެ.
