ޤުރްއާން މުބާރާތުގެ އަސްލު އަމާޒަކީ ވަނަތަކެއް ނޫން: މިނިސްޓަރު

ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ހަގީގީ އަމާޒަކަށް ވަނަ ހޯދުން ވެގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް މިރޭ ފަށާފައިވާ އިރު އެ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާރެ އެވެ. އަދި ހާފިޒުންގެ ގޮތުގައި ރެކޯޑް އަދަދެއްގެ ބޭފުޅުން ވެސް މިފަހަރު ބައިވެރިވެ އެވެ.
އެ މުބާރާތް މިރޭ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަކީ ރަމްޒީ ކަމެއް ކަމަށެވެ.
"ގުރުއާން މުބާރާތުގައި ބައިވެރިވެ ވަނަ ހޯދުމަކީ އަސްލު އަމާޒު ކަމުގައި ހަދައިގެން ނުވާނެ. ގުރުއާން ބާވާލައްވާފައިވަނީ އެ މަގުސަދަކަށް ނޫން. ގުރުއާން ބާވާލެއްވިފައި މިވަނީ ހިދާޔަތުގެ ނޫރެއްގެ ގޮތުގައި" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ދުނިޔެވީ މަގުސަދެއް ނުވަތަ ޝަރަފެއް ހޯދުމުގެ ބޭނުމުގައި ގުރުއާން ކިޔަވައިގެން ނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައެއް ނޫން މުބާރާތުގައި ބައިވެރިވުން އެއީ ގޯސް ކަމެކޭ. މުބާރާތްތަކުގައި ބައިވެރިވާން ޖެހޭ. އެއީ ގުރުއާން ކުރިއެރުވުމަށްޓަކައި ކުރާ ކަމަށް ވާތީވެ" މިނިސްޓަރު ވިދާޅުވި އެވެ.
ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ވަކިން ބޮޑު މާތް މަސައްކަތެއް ނޯންނާނެ ކަމަށާއި ބެލެނިވެރިންނާއި މުދައްރިސުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ހިއްވަރުދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.