އޮރެންޖާއި އާފަލުގެ އަގު ވެއްޓިއްޖެ

ރާއްޖޭގެ ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު ވެއްޓިއްޖެ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު އަގު މައްޗަށް ދިއުމުން ކަމަށް ބުނެ އާފަލާއި އޮރެންޖުގެ އަގު 12 ރުފިޔާއިން މައްޗަށް އެރިތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ނަމަވެސް "ދެން"އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުން ބާޒާރުގައި ކުއްލިއަކަށް ވަނީ އޮރެންޖާއި އާފަލު އަގު ވެއްޓިފަ އެވެ.
އެގޮތުން މިހާރު ބާޒާރުން ކުރިއެކޭ އެއްގޮތަށް އެވްރެޖްކޮށް ފަސް ރުފިޔާއަށް އޮރެންޖެއް ލިބެއެވެ. އަދި އާފަލު ވެސް ހަ ރުފިޔާއަށް މިހާރު ބައެއް ތަންތަނުން ލިބެއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ނުދާއިރު ކުއްލިއަކަށް އާފަލާއި އޮރެންޖުގެ އަގު ދަށަށް ދިޔަ ސަބަބެއް ސާފެއް ނުވެއެވެ.
އާފަލާއި އޮރެންޖުގެ އަގު ދަށަށް ދިޔައިރު ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ތެރޭގައި އާފަލާއި އޮރެންޖު ހިމަނައި އެސްޓީއޯ މެދުވެރިކޮށް އެ ދެ މޭވާ ގަނޑުކޮށް ރާއްޖެ އެތެރެކޮށް ވިއްކަން ފަށަން ވެސް ނިންމައިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަސާސީ ކާބޯތަކެތީގެ ތެރޭގައި އަލަށް ހިމަނައި އެސްޓީއޯއިން އެތެރެކުރާ ތަކެތި އަންނަ މަހުގެ މެދުތެރެއިން ބާޒާރުން އަގުހެޔޮކޮށް ލިބެން ފަށާނެ ކަމަށެވެ.
އާފަލާއި އޮރެންޖަކީ ވަރަށް ގިނަ ދިވެހީން މިހާރު އާންމުކޮށް ކައިއުޅޭ ބާވަތަކަށް ވާތީ އެ ތަކެތީގެ އަގު އިންތިހާއަށް އުފުލުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.
