އާފަލާއި އޮރެންޖު އަގުބޮޑު ކުރީ ސިޔާސީ ބޭނުމެއްގައި، ދެން އެކަމެއް ނުކުރެވޭނެ: ރައީސް
މިފަހުން ރާއްޖޭގެ ބާޒާރުގައި އިންތިހާއަށް އަގު އުފުލުނު އާފަލާއި އޮރެންޖު އަގުބޮޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި ދެން އެގޮތަށް އެފަދަ ތަކެތި އަގުބޮޑު ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ރައީސް މިއަދު މިއަދު ފެއްޓެވި ދަތުރުފުޅުގައި ވ. ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މޭވާއާއި ތަރުކާރީގެ ބައެއް ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ގެންނަން ސަރުކާރުން ނިންމީ އެ ތަކެތީގެ އަގު ބޮޑުކުރަން ފެށުމުން ކަމަށެވެ. އެއީ ރައްޔިތުންގެ ހެވާއި ލާބަޔަށް ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޑޮލަރުގެ އަގު ބޮޑުވެގެންކަމަށް ބުނެ ވިޔަފާރި ވެރިން އާފާލާއި އޮރެންޖުގެ އަގު 12 ރުފިޔާއިން މައްޗަށް ވިއްކަމުން ދަނިކޮށް އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ގެންނަން ސަރުކާރުން ނިންމުމާއެކު އޭގެ އަގު ތިރިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ވިޔަފާރިވެރިންނަށް ރައީސް މިރޭ ވަނީ ރައްދުވެސް ދެއްވައިފަ އެވެ.
"އިހަަށް ދުވަހު ބޭންކުން ޑޮލަރު ނުލިބިގެން ހަމަ އެއްވެސް ގޮތެއް ނެތިގެން އަގު ބޮޑުކުރި އޮރެންޖާއި އާފަލު މިހާރު ތިރިވެގެން ހިނގައްޖެ އަގު. އޭގެ މާނައަކީ މީގެ ދެތިން ދުވަސް ކުރިން ބޭންކު ރޭޓުގައި ޓީޓީ ހަދަން ޑޮލަރު ނުލިބުން ރަނގަޅުކޮށްދިނީތޯ. ހަމަ އޭރުގައި ވެސް ލިބޭ ރަނގަޅަށް" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އޯގަނައިޒް ގޮތެއްގައި ގަސްތުގައި ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންކަން ކުރަމުންދާ ކަމަށެވެ.
އެހެން ނަމަވެސް އެފަދަ ގޮތަކަށް ކަންކަން ކުރާތަން ބަލަން ލޯމަރައިގެން ނުހުންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެނެއް އެގޮތަކަށް ސިޔާސީ ބޭނުމެއްގައި ތަކެތި އަގުބޮޑެއް ނުކުރެވޭނެ. އެކަމެއް ކުރުމުގެ ފުރުސަތެއް މޭވާއާއި ތަރުކާރީއާ މި ދެންނެވި ތަކެތި ލިބިގެން ނުދާނެ. އެޔަގީންކަން ރައްޔިތުންނަށް އަޅުގަނޑު އަރުވަން" ރައީސް ވިދާޅުވި އެވެ.
އޮރެންޖާއި އާފަލުގެ އަގުތައް ވެއްޓިފައިވާ އިރު މިހާރު ބާޒާރުން ކުރިއެކޭ އެއްގޮތަށް އެވްރެޖްކޮށް ފަސް ރުފިޔާއަށް އޮރެންޖެއް ލިބެއެވެ. އަދި އާފަލު ވެސް ހަ ރުފިޔާއަށް މިހާރު ބައެއް ތަންތަނުން ލިބެއެވެ.
