ބީއެމްއެލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފިއެވެ.
ޗައިނީސް އެކައުންޓް ތައާރަފްކުރީ މިއަދު ބީއެމްއެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބީއެމްއެލްއިން ބުނީ މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުއާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެއާއެކު ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް އެ ބޭންކުގައި ހުޅުވޭނެ ކަމަށެވެ.
އަދި އެއާއެކު ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން ލެޓާ އިފް ކްރެޑިޓް(އެލްސީ) ހެދޭ ގޮތް ހަމަޖެހި ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މާލީ މުއާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
އަދި އޭގެ އިތުރުން ފުރަތަމަ ފަހަރަށް، ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ ކަމަށާއި އަދި ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފާ ވެސް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއަދަކީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސާދާއި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވާލުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، އަދިފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް"، ސީއީއޯ ވިދާޅުވިއެވެ.
