ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، އެ ކައުންސިލް އުފެއްދީ، "މޯލްޑިވްސް 2.0 - ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރުމަށް ތައްޔާރުކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ފަހިކޮށް، ލަފާދީ، އެ މަސައްކަތްތައް ބެލެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ.
އެ ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ މޭ މަހު އިފްތިތާހުކުރި މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި، ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގުރާމް އެކެވެ.
އަދި އެ ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ހިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ހިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"މޯލްޑިވްސް 2.0" ޕްރޮގްރާމް ކުރިއަށް ގެންދަން އަންނަ އަަހަރުގެ ބަޖެޓުގައި ހާއްސަ އިސްކަމެއް ދެއްވާނެކަން ރައީސް މުއިއްޒު ރޭ ވަނީ އިއުލާންވެސް ކުރައްވައިފަ އެވެ.
