ޚަބަރު

ތަކުރާރުކޮށް މަކަރާއި ހީލަތުން ލަނޑުދޭ މައުރޫފް ހޯދަން އިއުލާންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މައުރޫފް އަލީ

ތަކުރާރުކޮށް މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި ލަނޑުދޭ ބ. އޭދަފުށި/ނާދީ، މައުރޫފް އަލީ(42އ.) ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލްގައި މި ފަހުން މަސައްކަތް ކުރި މައުރޫފްގެ މައްސަލައެއް އެންމެ ފަހުން ހިލުނީ މިދިޔަ މަހު އެވެ.

އެގޮތުން ޒިޔާރަތް މިސްކިތަށް ނަމާދަށް އެރި ދުވަސްވީ މީހަކަށް ބޭންކު ރޭޓްގައި 4000 ޑޮލަރު ވިއްކާނެ ކަމަށް ބުނެ އެ އަދަދަށްވާ ރުފިޔާ މައުރޫފްއަށް ދިނުމުން އޭނާ ވަނީ ފިލައިފަ އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ހިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މައުރޫފް ހާޒިރުކުރަން ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންވެ އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ދޭއް ޖަހާއިރު ގަލޮޅު ޕޮލިސް ސްޓޭޝަންއަށް މައުރޫފް ހާޒިރުވާން ފުލުހުން ވަނީ އަންގައިފަ އެވެ.