ޚަބަރު

އާރުއެސްޑަބްލިއު ނިޒާމް ގާއިމުކުރަން އިތުރު ލޯނު ސްކީމެއް މި އަހަރު ހުޅުވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އޮޑިދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ނިޒާމު ހަރުކުރުމަށް ލޯނު ސްކީމުގެ އިތުރު ބުރެއް މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނެވެ.

އާރުއެސްޑަބްލިއު ލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫ އޮޑިވެރިންނަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާ އެ ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

އަދި  ލޯނުގެ ދެވަނަ ބުރު މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާލައްވާނޭކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެއްވުމުގެ މަސައްކަތް، ޖަނަވަރީމަހު ފަށާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ

ހިރިލަންދޫއަކީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއްކަން ފާހަގަކުރައްވައި، ރަށުގައި ކުރާ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާނޭ އިތުރު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ރަށުގެ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރެއްވުމުގައި އެ ބިމުން ކުރާނޭ ބޭނުންތައްވެސް ހިމެނުއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް ހިރިލަންދޫއަށް ކުރެެއްވި ދަތުރުފުޅުގައި ހިމެނިގެން ހިރިލަންދޫގައި ވަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވެސް މިއަދު ވަނީ ފައްޓާފަ އެވެ.

އެގޮތުން، ހިރިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އެ ރަށުގައި މިސްކިތެއް ބިނާކުރުމާއި ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި، ހިރިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ.

އަދި މިއަދުގެ ޖަލްސާގައި، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގައި ވަނީ ސޮއިކުރައްވާފައެވެ.

ހިރިލަންދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް، ދިރާސީ އާ އަހަރު ބޭނުންކުރެވޭ ވަރަށް، ވަސީލަތްތައް ހަމަކޮށްދެއްވައި، ނިންމަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު އެ ރަށުގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއްގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ