ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ިރައީސް ޑރ. މުހައްމަދު ވައުދުވެވަޑައިގެންފައިވާ ގޮތަށް ތ. ކިނބިދޫއާއި ތ. ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ދެއްވައިފި އެވެ.
އެމަނިކުފާނު އެ ޔަގީންކަންދެއްވީ ރާއްޖޭގެ ހަތަރުއަތޮޅެއްގެ މީހުންދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކިނބިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫއު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށްކަމަށާއި އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު މިއަދު ކިނބިދޫގެ ރައްޔިތުންނާ ހިއްސާ ވެސް ކުރެއްވި އެވެ.
އެ މަޝްރޫއަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދެއްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކިނބިދޫގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫއު ފަދަ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކިނބިދޫގެ ތަރައްގީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ތައުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަގީންކަންދެއްވައި، ކިނބިދޫގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި، ރޭވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވަމުން ނެވެ.
