ބޮޑު އެއްވުމަށް މިނިސްޓަރުގެ ރައްދު: އެމްޑީޕީ ސަރުކާރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރީ ކޮންކަމެއްތޯ؟

ކޮރަޕްޝަން ހުއްޓުވަންކަމަށް ބުނެ އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން އެކްސްގައި މިއަދު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި އަމަލު ހިންގަ ފަރާތްތަކުގެ މައްޗަށް ތަންފީޒުކުރުން ކަމަށެވެ.
އަދި ސަރުކާރުން މިހާރު ހިނގަމުންދަނީ އެ މަގުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފުރުސަތު ފާއިތުވި ފަސް އަހަރު ލިބި އެކަން ނުކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރެގެން މި ކުރަން މި އުޅެނީ ކޮން ކަމެއްތޯ ރައްޔިތުން ވިސްނާލަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
އަދި ކުރީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އޭރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮން ކަމަކާމެދު ވެސް ސުވާލުކުރަން ޖެހޭ ކަމަށް މިނިސްޓަރު ސުވާލުކުރެއްވި އެވެ.
އެހެން ނަމަވެސް މި ސަރުކާރަށް އެ ސުވާލުތަކަސް ޖަވާބު ދެވޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރަޕްޝަންއާ ދެކޮޅަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އިރު އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަގާމު ފުރުއްވި އަހުމަދު ސައީދުގެ މައްޗަށް ހިޔަނާތުގެ ކުށް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށް ލާން މި ހަފްތާ ކުްރިމިނަލް ކޯޓުން ވަނީ ހުކުމްވެސްކޮށްފަ އެވެ.
ނަމަވެސް އެމްޑީޕީން ވަނީ އެއީ ސިޔާސީ ހުކުމެއްކަމަށް ބުނެފަ އެވެ.