ވެމްކޯގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަނީ

މާލިއްޔަތު ގާނޫނާ ހިލާފަށް ވެމްކޯ އިން މުއާމަލާތްތައް ހިންގާފައިވާކަން އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކަށް މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް ވެމްކޯ އިން ބުނެފި އެވެ.
ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ފާއިތުވީ އަހަރުތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓުތަކުން މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައި ހުރި މުއާމަލާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި މި މައްސަލަ ބެލުމަށް ވެމްކޯއިން އިސްނަގައިގެން ކަމާބެހޭ އިދާރާތަކަށާއި ދިވެހި ފުލުހުންގެ ހިދުމަތާ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.
ވެމްކޯ އިން ދަނީ އަބަދުވެސް ދެފުށް ފެންނަ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށާއި ރައްޔިތުންނާ ގުޅުން ހުރި މިފަދަ މާލީ މައްސަލަތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލައި ތަހުގީގުކޮށް ކުށްވެރިވާ ފަރާތް ގާނޫނުގެ ކުރިމައްޗަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދީފައިވެ އެވެ.
ވެމްކޯ އިން މިކަން ހާމަކުރިއިރު އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.
