ރައީސް ނަޝީދަށް ހަމަލާއެއް ނުދެން، އެއީ ފިތުނަ ފަސާދަ އުފައްދަން ދައްކާ ވާހަކައެއް: އަދުރޭ
އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތުކޮށް އެމްޑީޕީން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެއީ ފިތުނަ ފަސާދަ އުފައްދަން ދައްކާ ވާހަކަތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ، އިދިކޮޅުން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާނެ ކަމަށާއި، އެއީ ރައީސް ޔާމީނުގެ ސަޕޯޓަރުން އިންސާފު ހޯދުމަށާއި، ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލުމަށް އިދިކޮޅުން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދަށް ނުވަތަ އެފަދަ އެހެން މީހަކަށް ވެސް ހަމަލާ ދޭކަށް އިދިކޮޅުން މަސައްކަތެއް ނުކުރާނެ ކަމުގައި ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީން މިބީދައިން ވާހަކަ ދައްކަނީ އާންމުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި ކަމަށާއި، މިކަމަކީ އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކަށް ހުއްޓުވުން ގެނައުމަށް ޓަކައި އަދި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގެ ނިޔަތުގައި، ކުރާ ކަމެއް ކަމުގައި އަދުރޭ ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން އަޑުގަދަ ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބެންޖެހޭނެ ކަމަށް ބުނެ އެންމެ ގަދައަށް އަޑު އުފުލި މީހުން އެތިބީ މިހާރުގެ ސަރުކާރުގައި ކަމަށާއި، އޭގެތެރެއިން ރައީސް ނަޝީދަކީ އެކަކު ކަމުގައި އަދުރޭ ވިދާޅުވިއެވެ. އަދި މިއަދު އެހެންބަޔަކު އެފަދަ ކަމެއް ކުރުމަށް މަސައްކަތް ކުރުމުން އެބޭފުޅުންނަށް ކެތް ނުކުރެވެނީ ކަމުގައި އަދުރޭ “ދެން”އާ ހިއްސާ ކުރެއްވިއެވެ.
މިއަދު ސަރުކާރުގައި އެފަދަ ބޭފުޅުން ތިބި ނަމަވެސް މިއަދު ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި މުޒާހަރާ ކުރަން ލިބުނު ފުރުސަތަކީ ކޮބައިތޯ އަދުރޭ ވަނީ ސުވާލު ކުރައްވާފައެވެ. މިއަދުގެ ސަރުކާރުން ވެރިކަން ކުރަން އުޅެނީ ގައުމުގައި ބޮޑު ތަޅު އަޅުވައިގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.