ކަންބޮޑުނުވޭ؛ ރަނގަޅު ޕްލޭނަކާއެކު ދަރަނި ދައްކާނަން: ރައީސް

ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ދައްކަން ޕްލޭންތައް ހަދަމުންދާ ކަމަށާއި ކަންބޮޑުވުމެއް ނެތި ދަރަނި ދެއްކުމުގެ ކަންކަން ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ އިރު ރާއްޖޭގެ ދަރަނި މެނޭޖު ނުކުރެވިދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ ފައިނޭންޝިއަލް އިންސްޓްޓިއުޓްތަކުން އޮތީ ދީފަ އެވެ. އަދި ރާއްޖޭ ރޭޓިންތައް ވެސް ފަހުން އައިސް ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.
މިރޭ ޕީއެންސީން ކުރިއަށް ގެންދިޔަ ޖަލްސާއާ ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑުގައި ކަމަށެވެ. އަދި އިގުތިސާދާ މެދު އެއްވެސް ވަރަަކަށް ކަންބޮޑުވެ ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ދައްކަން ޖެހޭ ދަރަނިތައް ދައްކަމުންދާ ކަމަށާއި އަދި ޗައިނާއަށް ދައްކަން ޖެހޭ ހުރިހާ ދަރަނިތަކަށް ލުއިތަކެއްދީ އެކަމާ ގުޅޭ ހުރިހާ އެއްބަސްވުންތަކެއްގައި ސޮއިކޮށް ނިންމިކަން އިއްޔެ ޗައިނާއިން އިއުލާންވެސްކޮށްފައިވާ ކަމަށެވެ.
"އަދި ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ އިތުރު އަޅުގަނޑުމެން ދައްކަން އޮތް ދަރަނިތައް ވެސް މިދަނީ ޕްލޭންކުރަމުން. އިރާދަކުރެއްވިއްޔާ އެއްވެސް ކަންބޮޑުވުމެއް ނެތިި އެކަން ހަމަޖައްސާނަން:" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބިކަ ހާލުގައި ނުޖައްސާނެ ކަމަށާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުުއްދަވާނެ ކަމަށެވެ.
"ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ފުއްދަމުންދާނީ ބޭރުގެ ދަރަނި ދައްކަމުން. ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން. އަދި އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް"ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ އިންޑިއާ އެވެ. އަދި ޗައިނާއަށް ވެސް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ދަރަނީގެ ގޮތުގައި ދައްކަން ޖެހެއެވެ.
