ޚަބަރު

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަންކެޑެ ދޫކުރަން ސޯލިހު ނެރުއްވި ގަރާރު ރައީސް މުއިއްޒު އުވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އައްޑޫ ސިޓީގެ ހަންކެޑެ ޑީޓުއަ ލިންކް ރޯޑް / ފޮޓޯ:އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރިއަލް އެސްޓޭޓް ޓޫރިޒަމަށް އައްޑު އަތޮޅު ހަންކެޑެ ދޫކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލައްވައިފި އެވެ.

Ads by STELCO

އުވާލެއްވި ކަމުގެ ގަރާރު ސަރުކާރު ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އުވާލެއްވި ކަމުގެ ގަރާރުގައި އޮތް ހަމައެކަނި ވާހަކައަކީ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނަށް އެ ރަށް ދީފައިވާ ގަރާރު އުވާލެއްވީ ކަމެވެ.

އިތުރު ތަފްސީލެއް މި ގަރާރުގައި ނެތް ނަމަވެސް ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ތަރައްގީކުރަން މި ސަރުކާރުން ނެރުނު ސަރަހައްދުތަކުގެ ލިސްޓްގައި ހަންކެޑެ ހިމެނުނެވެ.

އޭރު އެކަމާ ގުޅިގެން އިދިކޮޅު ލީޑަރުންނާއި، މި ސަރުކާރަށް ނިސްބަތްވާ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ކޮންމެ ވެސް ވަރަކަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ލާލް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނިންމިއިރު، ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ ވެސް މި ސަރުކާރުން ވަނީ އޭޕްރީލް 16، 2024 ގައި އަޅާފަ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.

އެ ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.

Ads by Allied Insurance