ބަހުގެ އެކަޑެމީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ދިވެހި ބަހުގެ އެކެޑެމީ ހިންގަމުން އަންނަ އިމާރާތުގެ އާބާތުރަ ފިލުވައި ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
ދިވެހިބަހުގެ އެކެޑެމީ ޒަމާނީ ފެންވަރަށް މި އަހަރުތެރޭ މަރާމާތުކޮށް ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މޭ މަހު އެ އެކަޑެމީއަށް އެމަނިކުފާނުކުރެއްވި ޒިޔާރަތުގައި އެކަޑެމީގެ މުވައްޒަފުންނާ ބައްދަަލުކުރައްވައި އޮތީ ވިދާޅުވެފަ އެވެ.
އެ ވައުދުފުޅާ އެއްގޮތަށް އެކެޑަމީގެ މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަ އިރު އެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ނިމޭނެ ކަމަށް ތަރިކައާ ބެހޭ މިނިސްޓްރީން އޮތީ ބުނެފަ އެވެ.
ބަހުގެ އެކަޑަމީއަކީ ދިވެހި ގައުމިއްޔަތާއި ސަގާފަތް ދިރުވައި، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް ކުރުމަށްޓަކައި 8 އޯގަސްޓު 2011ގައި އުފެއްދި މުއައްސަސާއެކެވެ.
ނަމަވެސް ރާއްޖޭގައި އުފެދުނު ބައެއް ސަރުކާރުތަކުން އެ މަރުކަޒަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާތީ، އެމަރުކަޒު ހިންގަމުންދާ އިމާރާތް އޮތީ މުވައްޒަަފުންގެ ސިއްހީ ރައްކާތެރިކަމަށް ހުރަސް އެޅޭ ހިސާބަށް ވީރާނާވެފައެވެ. މި ސަބަބުތަކާހުރެ، މި އިމާރާތަކީ އިންސާނުންނަށް މަސައްކަތްކުރަން އެކަށީގެން ނުވާ ވަރުގެ މާޙައުލަކަށް ބަދަލުވެ، އެކަޑަމީގެ މަސައްކަތްތަކަށް އޮތީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.
އެކަޑެމީގެ އިމާރާތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި ބައެއް ދިމަދިމާއަށް ވާރޭ ހިޔާނުވުމާއި ބިތްތަކުން ބައެއް ކަހަލަ ކެމިކަލް ފާއްދަމުން ދިޔުމާއި، އަދި ކަރަންޓު ފުރިހަމައަށް ނުލިބުމާއި ބައެއް ދިމަދިމާއިން ފަންގިފިލާ ވެށްޓިފައިވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރަށް ކަރަންޓު ޝޯޓުވުމުގެ ސަބަބުން ބައެއް ކަހަލަ ނުތަނަވަސް ހާލަތްތައް ކުރިމަތިވެފައިވެއެވެ.
