ޚަބަރު

ފުރުގާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ޕާކު ކުރަން ތަނެއް ތަރައްގީކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލޭގެ ޕާކިން ދަތިކަމަށް ހައްލެއް ހޯދައިދީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ މަޤްސަދުގައި، ފުރުގާން މިސްކިތް ކުރިމަތީގައި އޮންނަ ހުސް ބިމުގައި ޒަމާނީ ޕާކިންގް ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

Ads by MPL

މާލޭ ސިޓީ ކައުންސިލްއިން މިއަދު ބުނީ އެ މަސައްކަތް ފަށައި ބިން ސާފުކޮށް ހަ ކަދުރު ރުށް ވެސް އެތަނުގައި މިހާރު އިންދާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްއިން ބުނީ ހުސްބިމުގައި ޕާކިން ސަރަހައްދު ތަރައްގީކުރަނީ 150 އަށް ވުރެ ގިނަ ސައިކަލް ޕާކް ކުރެވޭ ގޮތަށް ގޮތަށެވެ.

އަދި އެ ތަނުގައި ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ މައިޒާނެއް ވެސް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

މާލޭގައި ވެހިކަލް ޕާކިންގް ސަރަހައްދުތައް އިތުރުކުރުމަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ މުހިންމު ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމަށް، މިހާރު ވެސް، މާލެ ސިޓީ ކައުންސިލުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި، ޕާކިންގް ޒޯންތައް ތަރައްގީ ކުރަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ ވިދާޅުވީ، މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ދަނީ މާލޭގައި ދިރިއުޅޭ ރައްޔިތުން އުފާކޮށް، އެ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމުގެ މަގުސަދުގައި ކަމަށެވެ.

އަދި އެ  މަސައްކަތްތައް ކުރުމުގައި، ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބެމުން އަންނަ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

Ads by HDC