ފައެނާގެ އެޕާޓްމަންޓްއިން ފެނުނު ޑުރަގުގެ ޒިންމާ ފިރިމީހާ ނަގައިފި

އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒުގެ އެޕާޓްމަންޓްއިން ފެނުނު ޑްރަގާ ހަވާލުވެ އޭގެ ޒިންމާ އޭނާ ފިރިމީހާ އަހުމަދު އަޒްހާދު ނަގައިފި އެވެ.
ފައެނާއާއި އޭނާގެ ފިރިމިހާ ރޭ ފުލުހުން ހައްޔަރުކުރީ ހުޅުމާލޭގައި ރޭ ހިންގި ޑްރަގް އޮޕަރޭޝަންއެއްގެ ތެރެއިން އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު އެ ތަނުން ޑުރަގު ފެނިގެން ނެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ ޑުރަގާ ފައެނާއާ ގުޅުވޭނެ ގޮތެއް ފުލުހުންނަށް ބުނެދެވިފައެއް ނުވެއެވެ.
އަދި ފެނުނު ޑުރަގާ އަޒްހާދު ހަވާލުވެފައިވާތީއާއި އަދި ފައެނާގެ ރެކޯޑެއްވެސް ނެތުމާއި ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގަން ޖެހޭ ހާލަތެއް ވެސް ނެތްކަމަށް ބުނެ ކޯޓުން ވަނީ ފައެނާ ދޫކޮށްލައިފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ޑުރަގު ފެނުނީ އަލަމާރިއެއްގެ ޑްރޯވަރަކުން ކަމަށާއި އެއީ ފައެނާގެ ފިރިމީހާ ބޭނުންކުރާ އަލަމާރިއެއް ކަމަށް ފައެނާ ބުނެފައި ވެއެވެ.
ފައެނާގެ ކުޑަކަމުދާ ތަކެތި ޑުރަގަށް ޕޮޒިޓިވްވެސް ވެފައި ނުވެއެވެ.
ފައެނާގެ ފިރިމީހާގެ ބަންދު އަމަރުގައިވާ ގޮތުން ފެނުނީ ޑުރަގުގެ މަދު އެތިކޮޅެކެވެ. އަދި އޭނާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ މީހެއް ކަމަަށް ނުބެލެވޭ ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައި ވެއެވެ.
އެ މައްސަލައިގައި ފިރިމީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ.
