ޚަބަރު

ކޮމަންޑޫ އެއާޕޯޓްވެސް ދެ އަހަރާއި ބައިން އަޅާ ހުޅުވަން ރައީސް ވައުދުވެވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކޮމަންޑޫ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން--

ށ. އަތޮޅުގައި އަޅަން އަމަލީ މަސައްކަތް ފެށި ތިންވަނަ އެއާޕޯޓު، ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް ވެސް ދެ އަހަރާއި ބައިން ނިންމާ ހުޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

Ads by STELCO

ށ. އަތޮޅުގެ ވެރިކަން ކުރާ ފުނަދޫގައި މިހާރުވެސް އެއާޕޯޓެއް އޮވެ އެވެ. އަދި ރައީސް  މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ އަތޮޅުގެ ބިލެތްފަހީގެ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު މިއަދު އެ އަތޮޅުގެ ކޮމަންޑޫގައި އެއާޕޯޓެއް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

އަދި މިރޭ ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އެއްވެސް މަޑުޖެހުމެއް ނެތި ނިންމައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫގެ އެއާޕޯޓު އަޅަން 48.8 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އަދި ދެ މަހެއްހާ ދުވަސް ތެރޭގައި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އެހާތަނަށް ބިން ހިއްކަން ޑްރެޖަރުވެސް ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން ކުރަން ހުންނަ އެއާޕޯޓް ޑިވޮލޮޕްމަންޓްގެ ހުރިހާ ކަމެއް ރަންވޭއާއި ދެން އޮންނަ ހުރިހާކަމެއް ވެސް ކުރިއަށްދާނެ. މި ހުރިހާ ކަމެއް ކުރުމަށް އަދި ނިމުމަށް ފަހު އެއާޕޯޓް އޮޕަރޭޓްކުރުމާ މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް އެމްއޭސީއެލްއާ އެގްރިމަންޓް މި ހެދީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދުން ފެށިގެން އަށް މަސް ތެރޭ ބިން ހިއްކުމުގެ މަސައްކަތް ނިންމައި ގިނަވެގެން ދެ އަހަރާއި ބައި ތެރޭ ހުރިހާކަމެއް ނިންމައި އެއާޕޯޓު ހުޅުވާނެ ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވި އިރު ށ. ބިލެތްފަހީގައި ވެސް އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ފެށިއިރު އެ އެއާޕޯޓު ވެސް ދެ އަހަރާއި ބައިތެރޭ ހުޅުވާނެ ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފަ އެވެ.

ށ. އަތޮޅުގެ އިތުރު ދެ ރަށެއްގައި އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު އެ އަތޮޅުގެ ފުނަދޫއާ ވަރަށް ކައިރީގައި އޮންނަ ށ. މިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ރައީސް  މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެ އެއާޕޯޓް އަޅަން އަދި ބަޔަކާ ހަވާލެއް ނުކުރެ އެވެ.

Ads by Allied Insurance