ރިޕޯޓް

ޕޭޕަލް ރާއްޖެއަށް ލިބުމަކީ ޒުވާން އިގްތިސޯދެއްގެ ފެށުން

ފާތިމަތު އަފްނާން ، ދެން އޮންލައިން
ދާލަން އެކްސްޕޯގެ ތެރެއިން - ފޮޓޯ: މިނިސްޓްރީ

އުމުރުން 22 އ. އަހުމަދު ނުއިންއަކީ ވެބްސައިޓް ހެދުމާއި ޑިވްލޮޕިން އަދި ޑިޒައިންގެ ހުނަރުވެރިއެކެވެ. އޭނާއަކީ ވެސް ދުނިޔޭގެ އުފެއްދުންތެރިކަމުގެ ބާޒާރަށް ނުކުމެ އުޅެން ބޭނުންވާ ހުނަރުވެރި ދިވެއްސެކެވެ. އެކަން ކުރަން އޭނާގެ ހުނަރުތައް ފެންނަ ސައިޓެއް ހަދައި ޕްރޮމޯޓް ވެސް ކުރެއެވެ. އަދި "ފައިވާ" ފަދަ އޮންލައިންކޮށް ޚިދުމަތް ދިނުމާއި ޚިދުމަތް ވިއްކުމަށް ހަދާފައިވާ ބޮޑެތި މާކެޓްޕްލޭސް ނުވަތަ ޕްލެޓްފޯމެއްގައި މަސައްކަތް ޑިސްޕްލޭ ކުރަން ވެސް ބޭނުންވެއެވެ. އެކަމަކު މިކަން ކުރަން އޭނާއަށް އޮތް ހުރަހަކީ މިގޮތަށް ޑިސްޕްލޭ ކުރުމުން ލިބޭ މަސައްކަތްކޮށްގެން ލިބޭ އާމްދަނީ އަތަށް ނެގޭނެ ގޮތެއް ނެތުމެވެ. އެ މަގު ރާއްޖޭގައި ނެތުމެވެ. ސަރުކާރުން ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީގެ ހުނަރުވެރިންނަށް ޕޭޕަލް ގެނެސްދޭން އެވަރަށް އުޅުނު ސަބަބަކީ މި އެވެ. މިގޮތަށް މަސައްކަތް ކުރާ އެތައް ކުދިންނެއް ރާއްޖޭގައި އެބަ ތިއްބެވެ. އެހެންވެ މި ސިނާއަތު ބޮޑުކޮށް ދިރުވުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުގައި ހިމެނިއެވެ. އަދި އެކަމަށް މަސައްކަތް ފެށިއެވެ.

Ads by MPL

މި މަގަށް ރާއްޖެ ގެނައުމަށްޓަކައި، ޕޭޕަލް ގެނައުމުގެ މަަސައްކަތް ކުރީގެ ސަރުކާރުން ވެސް ކުރިއެވެ. ނަމަވެސް ހޯލް އޮފް ގަވަރުމަންޓް އެޕްރޯޗެއްގައި މިކަމަށް ހަގީގީ މަސައްކަތްތަކެއް ފެށިފައިވަނީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 2023 ގެ ފަހުންނެވެ. މި މަސައްކަތުގެ ޓައިމްލައިންތަކަށް ބަލާއިރު މި ކަމުގައި ރިއަލިސްޓިކް މަސައްކަތް ތަކެއް ކޮށްފައިވަނީ މި ސަރުކާރުންކަން ސާފުކޮށް އެނގެއެވެ.

ޕޭޕަލް ގެނައުމުގެ ޓައިމް ލައިން

2020 ގައި ޕޭޕަލް ގެންނަން ސިޓީއެއް ފޮނުވި
2023 ވަނަ އަހަރު ރައީސް ޔޫއެސް ދަތުރުފުޅުގައި އެމެރިކާ ސަރުކާރާ މަޝްވަރާކުރި
2024 ސެޕްޓެމްބަރު މަހު އިކޮނޮމިކް މިނިސްޓްރީން ރަސްމީކޮށް ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅި
2024 އޮގަސްޓް ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ އިސްވެރިންނާ މިނިސްޓަރު ސައީދު ބައްދަލު ކުރެއްވި
2025 އޮގަސްޓް ޕޭޕަލް އާއި އުރީދޫއާ ދެމެދު ސޮއިކުރި
2026 ގައި މި ހިދުމަތް ފުލް ސްކޭލްގައި ރާއްޖެއަށް ލިބެން ފަށާނެ

ރާއްޖެއަށް ޕޭޕަލް ގެންނަން ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބު ކުރިއިރު، މިކަން މި ހިސާބަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް ކުޅުނީ ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި އުރީދޫ ގްރޫޕުންނެވެ. އެ ކުންފުނީގެ ދުނިޔޭގެ ނެޓްވޯކުގެ ތެރެއަށް ޕޭޕަލް ވަނުމަކީ އިޤްތިޞާދީ ގޮތުން ހަމަމަގަށް ދާން ރާއްޖެއަށް ކޮށުނު ބޮޑު ދޮރެކެވެ.

ސަރުކާރުން ޕޭޕަލް ގެނެސް ދިވެހިރާއްޖޭގެ ހަފޮޅުގެ ތެރެއަށް ވައްދާއިރު، ކްރިއޭޓިވް އިގްތިސޯދެއް ފުޅާކުރަން ވެސް ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭން ފުރަތަމަ ފަހަަރަށް އެކުލަވާލީ މި ސަރުކާރުންނެވެ. މި އެކްޝަން ޕްލޭންގެ ދަށުން 2030 ވަނަ އަހަރުގެ ކުރިން ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ %15 ކްރިއޭޓިވް ސެކްޓަރަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި މަގަށް ގެންދަން ކަމާބެހޭ ގާނޫނުތައް ވެސް ދަނީ ހަދަމުންނެވެ. މިގޮތުން ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްޤީކުރުން، ޓެކްނޮލޮޖީ ބޭނުންކުރުން އުފެއްދުންތެރި މަސައްކަތްތަކަށް މާކެޓް ހޯދައިދިނުން، އަދި އުފެއްދުންތެރިންގެ ޙައްޤު ރައްކާތެރިކުރުމަށް އިންޓަލެކްޗުއަލް ގާނޫނެއް ވަނީ ހަދާފައެވެ. މިނޫންވެސް ގާނޫނުތައް ހަދައި ދަނީ ފާސް ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން މިފަދަ މަސައްކަތްތެރިންނަށް މާލީ އެހީދޭން ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ވަނީ ތައާރަފުކޮށްފައެވެ. މި އުފެއްދުންތެރި ވިޔަފާރިތަކަށާއި ޚާއްސަކޮށް އަންހެނުންގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން 50،000 ރ. އާއި 300،000ރ. އާ ދެމެދުގެ ލުއި ލޯނު ދޫކުރަން ވެސް ވަނީ ފަށާފައެވެ. އަދި ސްކޫލް މަންހަޖުގައި ކްރިއޭޓިވް ހުނަރުތައް ހިމެނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ހަމައެހެންމެ އިންޓަނޭޝަނަލް އާޓްސް ސްކޫލް ފެކަލްޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މި ހުރިހާކަމެއް އެކުއެކުގައި ކުރެވެމުންދާއިރު، ހުރިހާކަމެއް ވަށާ ޖެހެން ދުވަސް ނަގާނެ އެވެ. ނަމަވެސް މިހާރު ރާއްޖޭގައި އޮތް ކްރިއޭޓިވް އިންޑަސްޓްރީގެ ހުނަރުވެރި މަސައްކަތްތެރިންނަށް އޭގެ ކުރިންވެސް ޕޭޕަލް ލިބުމަކީ އެމީހުންގެ މަސައްކަތް ޑޮލަރަށް ބަދަލުކޮށް ޖީބަށް ނަގަން ލިބުނު ފުރުސަތެކެވެ.

Ads by Ooredoo