ދަރަނި ކުޑަކުރަން ތަރައްގީގެ މަޝްރޫއުތައް ފަސް އަހަރަށް ހުއްޓާލަން ނަޝީދު ގޮވާލައްވައިފި

ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ ކުޑަކުރަން ކޮންކްރީޓް މަޝްރޫއުތައް ފަސް އަހަރަށް ހުއްޓާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް ހަތަރު ފަސް އަހަރަށް ހުއްޓާލަން މުހިންމު ކަމަށެވެ.
އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ޝިއާރަކަށް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށާއި ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދު ވާންވީ މަޑުޖެހިލާން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކޮންކްރީޓްއަކީ ތަރައްގީއެއް ނޫނެވެ. ގިނަ ފަހަރު އެއީ ދަރަންޏެވެ. އެހެންވެ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓު ސާޕްލަސްކޮށް ބާކީބައި ރިޒާވް އިތުރުކުކޮށް ދަރަނި ކުޑަކުރެވިގެންކަމަށް ވެސް އެމަނިކުފާޏު ވިދާޅުވި އެވެ.
"ދިވެހީންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް. ވާން މިދާ ގޮތް، އަޅުގަނޑު މި ދައްކަވާ ވާހަކަ ދިވެހީންނަށް ސާފުވާނެ" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިއްޔެ ވަނީ ށ. އަތޮޅުގައި އިތުރު ތިން އެއާޕޯޓް އަޅަން ސަރުކާރުން ނިމިގެން ދިޔަ ހަފްތާގައި މަސައްކަތް ފެށުމުން ވެސް ފާޑު ވިދާޅުވެފަ އެވެ.
ށ. ބިލެތްފަހި، ށ.ކޮމަންޑޫ އަދި ށ. މިލަންދޫގައި އެއާޕޯޓެއް އަޅަނީ ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރިކައިރީގައި އެ ތަންތަން އޮންނައިރުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ނިންމުން ވަރަށް ޒިންމާދާރުކަން ކުޑަ ކަމަށެވެ. އަދި އޭގެ ސަބަބުން ހުރިހާ އެއާޕޯޓެތަކެއްގެ ވެސް އިގުތިސޯދީ އަދި މާލީ ދެކޮޅު ނުޖެހޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.