ޚަބަރު

ބަންގީގެ އަޑު މަޑުކުރަން މާލޭ ސިޓީ ކައުންސިލްއިން އެންގިކަމަށް ބުނާ ވާހަކަ މޭޔަރު ދޮގުކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް / ފޮޓޯ:ރައީސް އޮފީސް

ބަންގީގެ އަޑު މަޑުކުރަން މާލޭ ސިޓީ ކައުންސިލްއިން އެންގިކަމަށް ބުނާ ވާހަކަ މޭޔަރު އާދަމް އާޒިމް ދޮގުކުރައްވައިފި އެވެ.

Ads by MPL

ހުޅުމާލޭގައި ބަންގީގެ އަޑު މަޑުކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތްތަކުގެ ސައުންޑް ސިސްޓަމްގެ ކޮންޓްރޯލް އޮންނަނީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށެވެ.

އަދި ބަންގީގެ އަޑު ވީހާވެސް ދުރަށް އިއްވުމަށް އަންގާފައިވާ ކަމަށާއި އެ ސައުންޑް ސިސްޓަމްތަކާ ނުކުޅެން ތަކުރާރުކޮށް ސިޓީ ކައުންސިލްއަށް އަންގަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެހެން އޮންނައިރު ސިޓީ ކައުންސިލުގައި ތިބި ބަޔަކު ގޮސް އޭގެ އަޑު މަޑު ކުރުމަކީ މިނިސްޓްރީގެ މައްސަލައެއް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ތުހުމަތުތަކާ ގުޅިގެން މާލޭގެ މޭޔަރު، މިނިސްޓަރު ޝަހީމް ޓެގްވެސް ކުރައްވައި އެކްސްގައި ވިދާޅުވީ ޝަހީމް ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި އެފަދަ ކަމެއް މާލޭ ސިޓީ ކައުންސިލްއިން ކޮށްފައި ނުވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ބަންގީގެ އަޑު މަޑުކޮށް ގަދަ ކުރާނީ މިނިސްޓްރީގެ އިންސްޓްރަކްޝަންއަށް މިނިސްޓްރީއިން ވަޒީފާ ދީފައިވާ މުދިން" މޭޔަރު ވިދާޅުވި އެވެ.

ބަންގީގެ އަޑު މަޑުކަމަށް ބައެއް ފަރާތްތަކުން ބުނާއިރު ބަންގީގެ އަޑު މާ ގަދަކަމަށް ބުނެވެސް ބައެއް ފަރާތްތަކުން ޝަކުވާ ކުރެއެވެ.

Ads by Ooredoo