ރިޕޯޓް

މިހާރު އެންމެ މުހިންމީ އަމިއްލަ މީހުންނަށް ފައިސާ ދިނުން

  • ރާއްޖޭގައި 40،000 އެސްއެމްއީ އޮތްއިރު މީގެ ބޮޑުބައި ވަނީ ހުއްޓިފަ އެވެ، ސަބަބަކީ ފެނަކަ ފަދަ ކުންފުނިތަކުން މިދިޔަ ފަސް އަހަރާއެކު އެތައް ބިލިއަން ރުފިޔާއެއް ދޭން އޮތުމެވެ.
ފާތިމަތު އަފްނާން ، ދެން އޮންލައިން
އެމްޕީއެލްގެ ވިޔަފާރި ބަނދަރު

ރާއްޖޭގައި 2019 ވަނަ އަހަރު ކުރި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ (ހަޔަސް) ދައްކާ ގޮތުން ރާއްޖޭގައި 40,232 ކުދި އަދި މެދުފަންތީގެ ވިޔަފާރި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ޔޫއެންޑީޕީގެ ރިޕޯޓެއް ދައްކާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް %94 އަކީ އެމްއެސްއެމްއީ ތަނެވެ. މި 40،000 އެސްއެމްއީގެ ތެރެއިން ގިނަ ވިޔަފާރި ހުރީ ރަށްރަށުގަ އެވެ. މި ވިޔަފާރީގެ %62 (ގާތްގަނޑަކަށް 25,059) ހުރީ އަތޮޅުތެރޭގައެވެ. އަދި  މާލެ ސަރަހައްދުގައި ހުރީ މީގެ %38 (ގާތްގަނޑަކަށް 15,173) ވިޔަފާރި އެވެ. ހަގީގަތުގައި އިގްތިސޯދު ދިރުވާ އެންމެ ގިނައިން ދައުލަތަށް ޓެކްސް ވެސް ދައްކާ ބަޔަކީ މި ވިޔަފާރިތަކެވެ. ރާއްޖޭގެ އިގްތިސޯދުގައި އެސްއެމްއީތައް މުހިންމު ވަނީ އެހެންވެ އެވެ. ނަމަވެސް މި ވިޔަފާރިތަކުގެ ބޮޑުބައެއް މިވަގުތު ތިބީ "ޕެރެލައިޒް" ވެފަ އެވެ، ސަބަބަކީ ސަރުކާރުން ފައިސާ ނުލިބުމެވެ. ރައްޔިތުންގެ ބޭނުމަށް އެ ކުންފުނިތަކުން ހޯދި ހިދުމަތަށް ދައުލަތުން ފައިސާ ނުދައްކާ އޮތުމުން ވިޔަފާރި ކުރާނެ ބުންވަރު ނެތުމުންނެވެ.

އެސްމްއީ ސެކްޓާގައި މަސައްކަތް ކުރާ ކުންފުނިތައް މި ދަރަޖަަށް ވެއްޓިފައިވަނީ މިއަދަކު ނޫނެވެ. މިި ވެއްޓުމުގެ ބޮޑު ޕަސެންޓަކީ މިދިޔަ ފަސް އަހަރު ވެރިކަން ކުރި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަން ކުރި ގޮތުގެ ސަބަބުން އައި ދެރަކަމެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި މަސައްކަތް ހަވާލުކޮށް ކުންފުނިތަކަށް ފައިސާ ނުދީ އޮތުމުގެ ނަތީޖާއަކީ މިހާލަތަށް ދިއުމެވެ. މި ވެއްޓުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ފެނަކަ ކުންފުންޏެވެ. އެ ކުންފުންޏާހެދި އިގްތިސޯދު ހުއްޓުމަކާ ގާތުގައި އޮތްއިރު ސަރުކާރުން ވަނީ މި ތަޅުން އިގްތިސޯދު ނައްޓާނެ ކަމަށް ބުނެފަ އެވެ. އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ގާތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރާނެ އެވެ. މިކަން ކުރާނެ ގޮތް ވެސް މިހާރު ވަނީ ތިލަކޮށްފަ އެވެ. ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން މިކަން ކުރަން ބޭނުންވިޔަސް ހުރި އޮޕްޝަންތައް އެހާ ގިނައެއް ނޫނެވެ. އެހެން ސަރުކާރުން ހިޔާރު ކުރި އޮޕްޝަންއަކީ އެމްއެމްއޭއިން ބޮންޑެއް ޕެންޝަން އޮފީހަށް ވިއްކުމެވެ. މިކަމަކީ އެމްޑީޕީން ފައިސާ ޗާޕު ކުރުން ކަމަށް ސިފަ ކުރިޔަސް ހަގީގަތުގައި މިއީ ސީދާ ފައިސާ ޗާޕު ކުރުން ކަމަށް ނުބުނެވޭނެ އެވެ. އެކަން ނުކުރަން އެމްޑީޕީން ބުންޏަސް އެ ޕާޓީގެ ވެރިކަމުގައި މިކަން ކުރި ގޮތުން އަދި ވެސް މި އުޅެނީ ހިންދެމި ނުލެވިގެންނެވެ. ކޮވިޑާއެކު ޗާޕު ކުރުން އެއީ އެންމެ ރަނގަޅު ކަމެވެ. ނަމަވެސް އިގްތިސޯދު ރަނގަޅުވެ ހިލޭއެހީ ބޯކޮށް ލިބުނު ދެ އަހަރުވެސް ޗާޕު ކުރުން ގޯހެވެ. އެކަންކޮށް އަށް ބިލިއަން ރުފިޔާ ވަނީ އިގްތިސޯދުގެ ތެރެއަށް އެކްސެސް މަނީގެ ގޮތުގައި ދޫކޮށްފަ އެވެ. މިއީ އެމީހުން ކަން ކުރި ގޮތެވެ.

ނަމަވެސް މި ސަރުކާރުން މިހާރު އަޅަން މި އުޅެނީ ފިޔަވަޅަކި މިވަގުތަށް މުހިންމު ފިޔަވަޅެވެ. ސަބަބަކީ ބަލިވަމުންދާ އިގްތިސޯދަށް ދިރުން ގެނެސްދިނުމެވެ.

މަރުކަޒީ ބޭންކަކުން ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކާ ނުވަތަ ދޫކުރާއިރު، އެއީ ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުމެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަނުން މާލީ ނިޒާމުގައި ފާއިސާ ލިކިއުޑިޓީ އިތުރުވާނެ އެވެ. މަރުކަޒީ ބޭންކުތަކުން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެކެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާ އަށް އަގަށް އަންނަ ބަދަލަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒީ ބޭންކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މަނިޓަރީ ސްޓެބިލިޓީ އިތުރަށް ރައްކާތެރިކުރުމަށްޓަކައި އެމްއެމްއޭ އިން ކޮމާޝަލް ބޭންކުތަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަން މިހާރަށްވުރެ ވެސް ފުޅާކޮށް ހިންގުމާއި އެމްއާރުއާރު ފަދަ ލިކިއުޑިޓީ ރުފިޔާގެ ސަޕްލައި މަދުކޮށް، ޑޮލަރު ރޭޓުގެ ޕްރެޝަރު ކުޑަ ކުރުމުގެ ޕޮލިސީތައް މަރުކަޒީ ބޭންކުން ތަންފީޒުކުރަމުންދާނެ އެވެ.

އިގްތިސޯދީ މާހިރުން ޤަބޫލުކުރާގޮތުގައި އިޤްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދިވެހި ވިޔަފާރިތަކަށް ހިންދެމިލާން ގޮތް ހޯދައި ދިނުމަކީ ސަރުކާރާއި މަރުކަޒީ ބޭންކުން ވެސް އިސްކަމެއް ދީގެން ކުރަންޖެހޭކަމެކެވެ. އެހެންކަމުން ސަރުކާރުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ފަހަތުގައި އޮތީ ދެ އާމާޒެއް ހާސިލުކުރުމުގެ ނިޔަތެވެ. އެއީ، ދިވެހި ވިޔަފާރިތަކަށް ދެއްކުމަށް ވާރުތަވެފައިވާ ފައިސާ ދެއްކުމާއި، އަހަރުތަކެއް ވަންދެން ދޯދިޔާކޮށް މެނޭޖުކޮށްގައިވާ ދައުލަތުގެ މާލިއްޔަތަށް ސްޓެބިލިޓީ ގެނައުމެވެ.

ބޮންޑް އިޝޫ ކުރުމާ ބެހޭ ގޮތުން ފިނޭންސުގެ ފަންނީ އޮފިޝަލުން ކަށަވަރުކޮށްދިން ގޮތުގައި މި މަސައްކަތުން ލިބޭ ފައިސާގެ ބޮޑު ބައެއް ސީދާ ބޭނުންކުރެވޭނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި އެއްވެސް އުސޫލެއް ނެތް ގޮތަކަށް ފެށުނު މަޝްރޫއުތަކާ ގުޅިގެން ނުދެއްކި ހުރި ކޮންޓްރެކްޓަރުންގެ ބިލުތައް ދެއްކުމަށެވެ.

"މީގެ ތެރޭގައި އެކަށީގެންނުވާ ގޮތަށް ބަޖެޓު ރޭވުމާއި ފައިސާ ދޫކުރުން ލަސްވުމުގެ ސަބަބުން ނުދެއްކި ހުރި ނިމިފައިވާ މަސައްކަތްތަކުގެ ފައިސާވެސް ހިމެނެ އެވެ. މި ދަރަނިތައް އަދާކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވެފައިވާ ލިކުއިޑިޓީ ލިބި، ވިޔަފާރިތައް ކުރިއަރައި ވަޒީފާތައް ރައްކާތެރިވެ، އަދި އިޤްތިސާދުގެ މައްޗަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ އެވެ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ ގޮތެއްގައި ވެސް މި ފިޔަވަޅު އަޅަން ޖެހެ އެވެ. މިކަން ކުރަން ޖެހެ އެވެ. މި ނޫން އޮޕްޝަނެއް ނެތެވެ. މިކަން ނުކޮށްފިނަމަ އަންނަ އަހަރު ރާއްޖެއަށް އިތުރު މައްސަލަތަކެއް ނުކުންނާނެ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި އިގްތިސޯދު ހުއްޓިގެންދާނެ އެވެ.

Ads by Allied Insurance