ޚަބަރު

 ވަކިިވިޔަސް ހުޅުމީދޫގެ ރައްޔިތުންނާ ގުޅުން އޮންނާނެ: މޭޔަރު ނިޒާރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ މޭޔަރު އަލީ ނިޒާރު/ ފޮޓޯ: އައްޑޫ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްއިން ވަކިވެ ވަކިވަކި ކައުންސިލްތައް ހަދަން އައްޑޫގެ ހުޅުދޫއާއި މީދޫއިން ނިންމި ނަމަވެސް އެ ދެ ރަށުގެ ރައްޔިތުންނާމެދު ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއީ މީދޫގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ވަކިވަކި ކައުންސިލްތައް ހެދުމަށެވެ. ނަމަވެސް ފޭދޫއިން ބޮޑު ޣަގުލިބިއްޔަތަކުން ނިންމީ ވަކި ނުވުމަށެވެ.

އެ ނިންމުމާ ގުޅިގެން މޭޔަރު ނިޒާރު ފޭސްބުކުގައި ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށާއި އެ  ހާލަތަކީ ދެކެން ބޭނުން ވި ހާލަތެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ލޮބުވެތި ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށާއި އަދި އެ ނިންމުމަށް މަރުހަބާވެސް އޭނާ ވިދާޅުވި އެވެ.

ހުޅުދޫ އަދި މީދޫގެ އިދާރީ ވަކި ވުމަކީ އެރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއްކަމަށް އުއްމީދު ކުރާކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

"އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެރައްޔިތުންނާއި އަޅުގަޑުމެންނާއި އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫން. އަޅުގަޑު އެދެނީ ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން. ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދިއުން. އަޅުގަޑު އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ ރައްޔިތުންނަށް އަރުވާނެ ޔަގީންކަމަކީ އަޅުގަޑު ތިޔަ ލޮބުވެތި ރައްޔިތުންނާއި ދޭތެރޭ އެއްވެސް ތަފާތެއް ނުކުރާނެކަން." ނިޒާރު ވިދާޅުވި އެވެ.

Ads by Ooredoo