ޚަބަރު

އޮޅުވެލިފުށީ ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިން ހައްލުކޮށްދޭނަން: ރައީސް

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ރައީސް އޮފީސް

ޅ.އޮޅުވެލިފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަންނަ ރޯދައިގެ ކުރިން ހައްލުކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮޅުވެލިފުށީގެ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވުން އެމަނިކުފާނު ވިދާޅުވީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ އެއްވެސް މަޝްރޫއަކަށް މަޑުޖެހުމެއް ނާންނާނެކަމަށާއި ބާރު ސްޕީޑްގައި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ދާނެކަމަށެވެ. އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން ނަރުދަމާގެ މަސައްކަތް ނިމިފައި އޮތް ނަމަވެސް ނަރުދަމާގެ ބޭނުން ކުރެވިފައި ނުވާކަމަށާއި ޞިއްޙީ މަރުކަޒުގެ ބޭނުން ވެސް އެދެވޭ ގޮތުގައި ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތި ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަރަންޓުގެ މައްސަލަތައް އެންމެ ލަސްވެގެން ރޯދައިގެ ކުރިން ހައްލުކޮށްދެއްވާނެ ކަމަށާއި ފެނަކައަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ ވަރަށް ގާތުން އެކަން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

" އަމާޒަކީ މިއަހަރު ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލުގެނައުމަށް ޓަކައި އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް ހައްލުކޮށްދިނުން، އެންމެ ލަސްވެގެން ރޯދައިގެ ކުރިން މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން." ރައީސް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ވަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އޮޅުވެލިފުށީގައި ފައްޓަވައިދެއްވައިފައެވެ. އޭގެތެރޭގައި އޮޅުވެލިފުށީގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި އަދި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އޮޅުވެލިފުށީ ގޮފީގެ އިމާރާތުގެ ޢަމަލީ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވާފައެވެ.

އޮޅުވެލިފުއްޓަށް ފަހު ދެން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކުރެންދޫއަށެވެ.

Ads by Ooredoo