ޚަބަރު

ވީއައިއޭ ފޭރުން ؛ ފޭރެން ބޭނުންކުރި ލޯންޗާއި މީހުން އަތުލައިގެންފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ވީއައިއޭގައި ފުރަން ގޮސްތިބި ބަޔަކު : އެއާޕޯޓުގައި ފޭރުމުގެ ހާދިސާއެއް ވަނީ ހިންގާފަ

ދުރާލާ ރާވައިގެން ހިންގި ކަމަށް ބެލެވޭ ފޭރުގެ މައްސަލައަކާއެކު ރާއްޖެއަށް ރަނގަޅަށް އިރު ނާރަނީސް މުޅިރާއްޖެ ހޭލައްވައިފި އެވެ. ރާއްޖޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ތަން ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިންގި ފޭރުމުގެ ބޮޑު ފޭރުމެއްވީ ގިނަ ބަޔަކަށް ސިހުން ގެނައި ކަމަށެވެ. ނަމަވެސް މި މައްސަލަ ހިންގިތާ ފަސް ގަޑިއިރު ނުވަނީސް މިކަމުގައި ބައިވެރިކަމަށް ބެލެވޭ ހަަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

Ads by MPL

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކުށްކުރަން ބޭނުންކުރި ލޯންޗު ހޯދިފައިވާކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފަ އެވެ.

ފަތިހު 4:50 ހާއިރު އާ ޓާމިނަލް އަށް ވަންނަ ދޮރުމަތިން މޫނު ފޮރުވައިގެން ތިބި ދެ މީހަކުން ވަނީ ބޭންކުގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ބްރީފްކޭސް ފޭރިގެންފަ އެވެ. ފައިސާ ފޭރުނީ ވަޅިން ބިރުދެއްކުމަށްފަހު އެވެ. އަދި އެމީހުން ފިލާފައިވަނީ ސްޕީޑް ލޯންޗެއްގަ އެވެ. މި ހާދިސާގައި ގެއްލިފައިވަނީ މިއަދު ހެނދުނު ވީއައިއޭއިން ފުރަން ތިބި ދިވެހިންނަށް ދޭންހުރި ޑޮލަރެވެ. ބެލެވޭ ގޮތުގައި ޑޮލަރުގެ އަދަދު އެއް ލައްކައަށްވުރެ މައްޗެވެ.

Ads by Ooredoo