ވިޔަފާރި

ވީއައިއޭ ޓާމިނަލް ވަންއަށް 16 އެއާލައިން

ފާތިމަތު އަފްނާން ، ދެން އޮންލައިން
ޓާމިނަލް ވަންއަށް އަޒަރުބައިޖާން އެއާލައިންގެ ދަތުރުތައް ފަށަން ބޭއްވި ރަސްމިއްޔާތު - ފޮޓޯ : އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް ވަން ހުޅުވިފަހުން މިހާތަނަށް 16 އެއާލައިނެއް ދަތުރުތައް އެތަނަށް ބަދަލުކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ އެންމެފަހުން ދަތުރުތައް ބަދަލުކޮށްފައިވަނީ އަޒަރްބައިޖާންގެ ގައުމީ އެއާލައިން, އަޒަރްބައިޖާން އެއާލައިންސް އެވެ. މިއީ ޓާމިނަލް ވަންއަށް ހިޖުރަކުރި 16 ވަނަ އެއާލައިން އެވެ.

ޓާމިނަލް 1 އިން އަޒަރްބައިޖާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި  ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.

ރަސްމިއްޔާތުގައި އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަޒަރްބައިޖާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 55 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, J2301 އިން ރާއްޖެ އައި 156 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އަޒަރްބައިޖާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 9 ނޮވެންބަރު 2024 ގައެވެ.

Ads by Ooredoo