ގައުމު ކުރިއަރުވަން ހުނަރުވެރިކަން ދަސްކުރަން ފުރުސަތުތަކުގެ ބޭނުން ހިފަން ފަސްޓް ލޭޑީ ގޮވާލައްވައިފި
ގައުމު ކުރިއެރުވުމަށް ޓަކައި ،ހުނަރުވެރިކަން ދަސްކުރަން ފުރުސަތުތަކުގެ ބޭނުން ހިފަން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.
އެކަމަނާ އެފަދައިން ގޮވާލެއްވީ މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކޮށްގެން މިއަދު ފެށި "ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސާޖިދާ މިއަދު ވިދާޅުވީ ގައުމެއް އާރާސްތުވެ ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްގީވެ، ވިސްނުންތެރިކަމާއި އުފެއްދުންތައް މަތިވެރިވެގެންކަމަށެވެ.
އެހެންވެ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް ،ހުޅުވައިލެވިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް ސާޖިދާ ދިވެހި ހުރިހާ ޒުވާނުންނަށް ގޮވާލެއްވިއެވެ.
އެކަމަނާ އެފަދައިން ގޮވާލެއްްވި އިރު ޕޮލިޓެކްނިކްއިން މިހާރު ވެސް ހުނަރުވެރިކަން ދަސްކޮސްދިނުމަށް އެތަކެއް ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ. އަދި މަސައްކަތްތައް ދަސްކޮށްދިނުމަށް ވޮކޭޝަނަލް ހައި ސްކޫލެއް ވެސް ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ސާޖިދާ މިއަދު އިތުރަށް ވިދާޅުވީ އިންސާނާ ޚަލްގު ކުރައްވާފައިވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށްކަމަށާއި ފަހުން ކުރަން ޖެހޭ ކަމަކީ އެ ހުނަރުތައް ތަރައްގީކޮށް ފެންވަރު މަތިކުރުން ކަމަށެވެ.
އަދި މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވެން ހުރި މަސައްކަތްތަކާއި ތަރައްގީ ކުރެވެން ހުރި ހުނަރުތައް ދަސްކުރުމުގެ ފުރުސަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ފުރުސަތެއްކަން ފާހަގަ ކުރައްވައި އެކަމަނާ ވަނީ އުފާވެރި، އުފެއްދުންތެރި އަދި ގަދަރުވެރި ދިރިއުޅުމަކަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފަ އެވެ.
ރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް، އެކި ނަންނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން، ފާއިތުވީ ބައި ގަރުނުގެ ތެރޭގައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން ސާޖިދާ ވަނީ، އެ ދާއިރާއަށް އެކި ދުވަސްވަރު ހިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.

