ޚަބަރު

ބޮޑުގެ ހުރި ބިމުގައި އަލަށް އިމާރަތްކުރާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ހުރި ބިމުގައި އަލަށް އިމާރަތްކުރާ މިސްކިތުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފި އެވެ.

Ads by STELCO

މަސްޖިދުއް ދައުވާގެ ނަމުގައި އަޅާ އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު މެންދުރުފަހު، ބޮޑުގެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ މިސްކިތް ބިނާކުރާ މި ބިމަކީ ކުރިން ވެސް ތައުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ ތަނަކަށް ވާތީ އެ މިސްކިތް ބިނާކުރާނީ އަޅުކަމާއި ތައުލީމާއި އިޖުތިމާއީ އެކި ހަރަކާތްތައްވެސް ހިންގޭ ގޮތަށް ހާއްސަ ސެންޓަރަކާ އެކުކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެ މިސްކިތުގައި ނަމާދުކުރާ ސަރަހައްދުގެ އިތުރުން ލައިބްރަރީއަކާއި ތިން ކުލާސްރޫމް، ކޮންފަރެންސް ހޯލް، އަދި އޮފީހެއްވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މިސްކިތް ފަރުމާކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަސީލަތްތަކާވެސް އެކުގައެވެ.

8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ އެ މިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ

އެ މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓަށް ފަންޑުކުރައްވަނީ، މުހައްމަދު އާދިލް، ނިޒާރު އަހުމަދު، ޒީބާ ސައީދު އަދި ރަހުމަތުﷲ އެވެ.

Ads by HDC