ޚަބަރު

އައްޑޫގެ ބޮޑު ސަރަހައްދަކަށް ކަރަންޓު އަލުން ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތިނަދޫއިން އައްޑޫއަށް ގެންދިޔަ ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަނީ--

ގުޅިފައިވާ އައްޑޫގެ ރަށްތަކުން މިއަދު ކަރަންޓު ކެނޑުނުފަހުން ބޮޑު ސަރަހައްދަކަށް ކަރަންޓު އަލުން ދީފި އެވެ.

Ads by MPL

އައްޑޫއިން ކަރަންޓުގެ ހިދުމަތް މިއަދު މެދުކެނޑުނީ ހުކުރު ނަމާދުގެ ކުޑަ އިރުކޮޅެއް ކުރިން ނެވެ.

އައްޑޫގައި ކަރަންޓުގެ ހިދުމަތްދޭ ފެނަކައިގެ އޮފިޝަލަކު "ދެން" އަށް މިއަދު ވިދާޅުވީ ކަރަންޓު ކެނޑުނީ ބޮޑު ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވެ ދެން ހުރި ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވެގެން ކަމަށެވެ.

ނަމަވެސް މިހާރު ބޮޑު ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ދިމާވަމުންދާ އައްޑޫގައި އެންމެ ފަހުން ޖެެނެރޭޓަރަަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އެ މައްސަލަ ކުރިމަތިވި ފަހުން ތިނަދޫން ވެސް 1.6 މެގަވޯޓުގެ ޖެނެރޭޓަރެއް އައްޑޫއަށް ގެންދިޔައިރު މިދިޔަ ހަފްތާ ނިމެން އުޅެނިކޮށް ވެސް 1.8 މެގަވޯޓުގެ ދެ ޖެނެރޭޓަރު ގެންގޮސް ބެހެއްޓުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފައިވާ އިރު އައްޑޫގެ ރައްޔިތުން ވެސް އެ މައްސަަލައިގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ސަރުކާރުން އެ މައްސަލައިގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ދާދި ފަހުން ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތައް މި އަހަރު ފަށާނެ ކަމަށާއި އެކަން ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.