ޚަބަރު

ހުޅުމާލެއިން އަހަރަކު 3 މިލިއަން ޕްލާސްޓިކް ކޮތަޅު ބޭނުންކުރޭ: މިނިސްޓަރ ޑރ. މާރިޔާ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

ހުޅުމާލެއިން އެކަނި ވެސް އަހަރަކު 3 މިލިއަން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީން ހަނިމާދޫގައި ގާއިމުކުރި ބަޔޯޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭ ޕެކޭޖިންގ ނިޒާމެއް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ހުޅުމާލެއިން އެކަނި ވެސް 3 މިލިއަން ޕްލާސްޓިކް ކޮތަރު ބޭނުންކުރާ ކަމަށް ސްމޯލް އައިލެންޑް ޖިއޮގްރަފިކްއިން ކުރެވުނު ދިރާސާއަކުން ދައްކާކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ސާފު ކަނޑުތަކާއި ނާޒުކު ވެއްޓަށް އަސަރުތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޕްލާސްޓިކް ކޮތަޅު ފަނާވެގެން ދިއުމަށް 20 އަހަރުގެ މުއްދަތެއް ހޭދަވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ހަނިމާދޫގައި ހުޅުވުނު މަރުކަޒަކީ އަމަލީ އީޖާދީ ނަމޫނާއެއް ކަމަށާއި އެ މަރުކަޒުން އުފައްދާ ކޮތަޅަކީ ތިމާވެއްޓާ ރައްޓެހި އަދި ގުދުރަތީ ގޮތުން ފަނާވެގެންދާނެ ތަކެއްޗަށްވުން އެދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!