ޚަބަރު

"ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދޭ ދަރީން ގައުމުގައި ގިނަވުމަށް އެދި ދުއާކުރަން"

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ނަސްރުގެ ދުވަހާ ގުޅިގެން މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތް ކުރާނޭ އިހުލާސްތެރިންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގައި މި ގައުމު ދިފާއުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ގައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ގައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދު ވެސް ތިބޭނެކަން ކަމަށެވެ.

"މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތް ކުރާނޭ އިހުލާސްތެރިން. މިފަދަ އަގުހުރި ދަރީން މި ގައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުއާކުރަމުން، ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރު ކުރަން،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސްގެ ދެކަނބަލުން ވަނީ މިއަދު ހެނދުނު ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރުގެ ނަސްރުގެ ދުވަސްވެސް ފެށީ، ބޮޑު ޖަމާޢަތުގައި ކުރި ފަތިސްނަމާދުންނެވެ.