ކޮޅުވެއްޓި ބަނޑުން ޖަހާލުން : ލޯ ކުރިމަތީ ނުރައްކާތެރި ހާދިސާއެއް
އިއްޔެގެ މޫސުން ރީއްޗެވެ. މާލެ ވިޔަފާރި ބަނދަރު ބޭރުގައި ރާޅެއް ނެތެވެ. އެހެންވެ މިދިޔަ ހަފުތާއާ ތަފާތުކޮށް މުދާ ބޭލުގައި އެމްޕީއެލް މުވައްޒަފުންނަށް އޮތީ ފަސޭހަ މަގެކެވެ. ޒަމާނުއްސުރެން ފެށިގެން މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުތަކުން މުދާ "ލޯޑިން އަންލޯޑިން"ދޭ ގޮތާ އިއްޔެ ތަފާތެއް ނެތެވެ. އެކަން ކުރީ ކުރިން ވެސް އޮންނަ "ރިސްކީ އެންވަޔަރުމަންޓެއް"ގައެވެ. މާލެ ބަނދަރުގެ ބޭރުގައި އޮތް ބޯޓެއްގައި ހުރި ދެ އެކްސްކަވޭޓަރު ކޮޅުވެއްޓިއަށް އެރުވުމުގެ އޮޕަރޭޝަން ފެށިއެވެ. މި މަސައްކަތުގައި އިސްކޮށް ތިބީ މިފަދަ މަސައްކަތުގައި ތަޖުރިބާހުރި އެމްޕީއެލް މުވައްޒަފުންނެވެ. ނަމަވެސް މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް ފެނިގެން ދިޔައީ މިއިން ދުވަހަކު ބަނދަރުން ނުފެންނަ ފަދަ ބިރުވެރި މަންޒަރެވެ.
އެއްގަމުގައި ތިބި އެތައް ބައެއްގެ ލޮލުގެ ކުރިމަތީގައި އެތައް ބަޔަކާ އެކު ކޮޅުވެއްޓިއާއި ބަރު ދެ އެކްސަކޭޓަރާ އެކު އުޅަނދު ބަންޑުން ޖަހައިލިއެވެ. ނުރައްކާތެރި މި ހާދިސާއަށް ފަހު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކޮޅުވެއްޓިއަށް އެތައް ޓަނެއްގެ ބަރުދަން ހުރި އެކްސްކަވޭޓަރު އެރުވުމުގެ މަސައްކަތް ކުރީ ހަމަ އާއްމު އުސޫލުން ކަންކުރާ ގޮތަށެވެ. ނަމަވެސް ނުފެންނަ މަންޒަރަކީ އެ ކަންވީ ގޮތެވެ. އުފައްދާ ސުވާލަކީ މިއެވެ.
ހާދިސާ ހިނގި ގޮތުގެ ހަގީގަތާ ހަމައަށް ދާން ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ. އަދި މިކަމުގައި
އެމްޕީއެލްއިން ވެސް ވަނީ ބަލަން ޖެހޭ ކަންކަން ބަލަން ފަށައިފައެވެ.
މި ހާދިސާ ހިނގިއިރު ކޮޅުވެއްޓީގެ ކައްޕިއާއި ދެ މުވައްޒަފުން ފިޔަވައި ކޮޅުވެއްޓީގައި ތިބީ އެމްޕީއެލް މުވައްޒަފުންނެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޢުމުރުން 32 އަހަރުގެ މަސްޢޫދުއާއި ފަރުވާ ދެމުން ދަނިކޮށް ހާލު ދެރަވެގެން މިއަދު ނިޔާވި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ 25، އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްލާހުގެ ފޫޅުން ތިރި އޮތީ ޗިސްވެފައެވެ. ބެލެވޭ ގޮތުގައި އަފްލާޙްއަކީ މި ހާދިސާގައި ތާށިވެފައި އޮއްވައި ސިފައިން ނެގި މީހާއެވެ.
މާލެ ވިޔަފާރި ބަނދަރަކީ އެތަން އޮންނަ ގޮތާއި މަސައްކަތް ކުރަމުންދާ ގޮތަށް ބަލާއިރު އެކްސިޑެންޓްތައް މަދު ތަނެކެވެ. މިހާތަނަށް ބަނދަރުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއަކީ ކޮންޓެއިނަރެއް އުފުލާ ފަށުވިއެއް ކަނޑައިގެން ދިއުން 2014ވަނަ އަހަރު ހިނގި ހާދިސާއެވެ. އެ ހާދިސާގައި ވިޔަފާރި ބަނދަރުގައި ބޯޓަކަށް ޓާފް ކާޕެޓް ރޯލެއް ކްރޭނަކުން ބަރުކުރަން އުޅުމުގެ ތެރޭގައި ރޯލު ވެއްޓި އެ ރޯލުގެ ދަށުވެ މަސައްކަތު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވެއެވެ. އަދި 2021ވަނަ އަހަރު ވިޔަފާރި ބަނދަރުގައި ޕެލެޓެއް ވެއްޓި، އެމްޕީ.އެލްގެ މުވައްޒަފެއްގެ ހަށިގަނޑުގެ ބައެއްގެ ދަށުވުމުގެ ސަބަބުން އަނިޔާވެ، ފަހުން އޭނާ ވަނީ މަރުވެފައެވެ.

