ޚަބަރު

މަސްތުވާތަކެއްޗާއެކު 9 މީހަކު ރަސްގެތީމުން ހައްޔަރުކޮށްފި

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއެކު ރ. ރަސްގެތީމުން 9 މީހަކު ހައްޔަރުކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

Ads by MPL

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަންއެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހަކު ހައްޔަރަށް ގެންދެނެވުނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އޮޕްރޭޝަނުގައި އެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައިވާ 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ބައެއް ތަކެތި އެގެއިން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން 43،500 ދިވެހި ރިފިޔާ ވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ހައްޔަރަށް މި މައްސަލައާ ގުޅިގެން ގެނެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނިހާން (23އ) އާއި އިބްރާހީމް ޢާދިލް (38އ) ޢާއި އާދަމް ނަސީމް (30އ) އަދި އިބްރާހީމް ރިޝާމް (36އ) ވަނީ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އަދި އަމީނާ މުޙައްމަދު (32އ) އާއި އައްޔޫބު އާދަމް (33އ) އާއި ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި އަޙްމަދު ވިޝާމް (41އ) އަދި ޙުސައިން ސަރްޙާން (30އ) ވަނީ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ މި މައްސަލަ އިތުރަށް ތަހްޤީޤު ކުރަމުންދާކަމަށެވެ.