ޚަބަރު

އައްޑޫ ސިޓީގެ ކަރަންޓު ހިދުމަތް ވަރުގަދަ ކުރަން ބިޔަ މަޝްރޫއެއް ފަށަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އައްޑޫ ސިޓީގައި މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ --

އައްޑޫ ސިޓީއަށް ދިމާވެފައި އޮތް ކަރަންޓު މައްސަލަ ހައްލު ކުރުމަށް ވަރަށް އަވަހަށް ބިޔަ ބޮޑު މަޝްރޫއުއެއް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަން ފާހަގަކުރައްވާފަ އެވެ.

އެ ސިޓީގައި މިހާރު ވެސް 15 މެގަވޮޓްގެ ކަރަންޓު ބޭނުން ކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މުޅި ސިޓީގެ ކުރިއެރުމަށް ވެސް މިއީ ދާއިމީ ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ބިޔަ މަޝްރޫއުއެއް ފަށާނެ ކަމަށެވެ އެކަމަށް ބޭނުންވާ އިދާރީ ކަންކަން މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ތެރެއިން ޖެނެރޭޓަރުތައް އަޕްގްރޭޑް ކުރުމާއި، އިންޖީނުގެ އަޕްގްރޭޑް ކުރުމާއި އަދި މިހާރު ހުރި ސެޓްއަޕުން ވެސް ރަގަޅު ކުރެވެން ހުރި ކަންކަން ރަގަޅު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމު ކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމުގެ ޔަގީންކަން ތިޔަ ލޮބިވެތި ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ އިންޖީނުގޭ ޖެނެރޭޓަރުތަކަށް މައްސަލަތައް ޖެހި، އެ ސިޓީއިން ވަރަށް އަވަސް އަވަހަށް ކަރަންޓު ކެނޑެ އެވެ. އެ މައްސަލަ ހައްލުކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނި ނަމަވެސް މިހާތަނަށް ހައްލު ކުރެވިފައެއް ނުވެ އެވެ.

Ads by Ooredoo