ޑްރަގު ފެނުނު ބޯޓުގެ މައްސަލާގައި ލަންކާއިން ރާއްޖެއަށް ފުލުހުންނާއި ސިފައިން ފޮނުވަނީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީލަންކާއަށް ނިސްބަތްވާ ބޯޓަކުން 300 ކިލޯއެއްހާ މަސްތުވާތަކެތި ފެނުނު މައްސަލާގައި ލަންކާއިން ސިފައިންނާއި ފުލުހުން ފޮނުވަން ނިންމައިފި އެވެ.
ލަންކާ ސަރުކާރުގެ އެ ނިންމުން ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ލަންކާގެ ޕަބްލިކް ސެކިއުރިޓީގެ މިނިސްޓަރު އަނަންދާ ވިޖެޕާލާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނީ ސިފައިންނާއި ފުލުހުން ފޮނުވަނީ ރާއްޖޭގެ މުއައްސަސާތަކަށް އެ މައްސަލައިގެ ތަހުގީގު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެ ބޯޓު އަތުލައިގަތް އިރު އޭގައި ތިބީ ލަންކާގެ ހަ މީހެކެވެ. އެ މީހުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފައިވެ އެވެ. ނަމަވެސް އެ މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ދިވެހި ފުލުހުން މި ކަމާ ގުޅޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ ބޯޓުން 300 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަން އެނގުނީ ވެސް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރީމަ އެވެ.
