ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ބަންދުކުރުމަށް އަމުރުނެރެފި

ފާތިމަތު އިރުޝާ ، ދެން އޮންލައިން

ހުޅުމާލެ ނިރޮޅުމަގުގައި ކާރެއް ކޮންޓުރޯލް ނުވެ ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރާ އެކްސިޑެންޓުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި ދެ މީހުން ބަންދު ކުރުމަށް ކޯޓުން 15 ދުވަހަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެކްސިޑެންޓްވި ކާރު ދުއްވި ހ. ބުލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އަދި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓް ހިނގިއިރު ދެ މީހުން ވެސް ތިބީ މަސްތުގެ ޙާލަތުގައި ކަމަށާއި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި ނޮވެމްބަރު މަހު 8ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

Ads by HDC