ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ދޫކުރި ލޯނުގެ އިންޓްރެސްޓް ކުޑަކުރަނީ
ހިޔާ ފްލެޓް ނިންމުމަށާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބީއެމްއެލް އިން ހިޔާ ފްލެޓްތައް ނިންމަން ދޫކުރި 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށެވެ. އެހެންކަމުން، އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓް 12 ޕަސެންޓުން 10 ޕަސެންޓަށް ކުޑަކުރެވިދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި، ލޯނު ދެއްކުމަށް ދަތިވެ، ޑީފޯލްޓްވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހެދުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓު 9 ޕަސެންޓުން 8 ޕަސެންޓަށް ކުޑަ ކުރެވިދާނެ ކަމަށް ވެސް ބީއެމްއެލް އިން މައުލޫމާތު ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއާއެކު އުސޫލުގެ ތެރެއިން މިކަންތައް ކޮށްދިނުމަށް ބީއެމްއެލްގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
