ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގައި ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގައި ބޭނުންކުރި ދެ ގޮނޑި ރާއްޖެއާ ހަވާލުކޮށްފި އެވެ.
އިނިގިރޭސިވިލާތުގެ ދަށުގައި ރާއްޖެ އޮތުމަށް ފަހު ރާއްޖެއަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965ގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި އޭރު ސޮއިކުރިއިރު ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި ފޮރިން މިނިސްޓްރީގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެ ގޮނޑިތަކަކީ ރާއްޖެ މިނިވަން ސިޔާދަތީ ދަައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅުކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެފަދަ މާނަފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާގުޅޭގޮތުން ވާހަކަފުޅު ދައްކެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

