ޚަބަރު

ފުވައްމުލަކުގެ ފެން ރައްކާތެރިކަމަށް ރެގިއުލޭޓަރީ އޮތޯރިޓީން ވެސް ބުނެފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުވައްމުލަށް މަތިން ނަގާފައިވާ ފޮޓޯ އެއް.. ފޮޓޯ/ފުވައްމުލަށް ފޭސްބުކް ޕޭޖް

ފުވައްމުލަކު ސިޓީގެ ފެން ރައްކާތެރިކަމަށް ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީ(ޔޫއާރުއޭ)އިންވެސް ބުނެފި އެވެ.

ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަގައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ހާމަވުމާ ގުޅިގެން ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދެމުންދާ ފެނަކައިން ފެން ކަނޑާލީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އޭގެ ފަހުން ފެނުގެ މައްސަލަ ހައްލުކުރަން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި އޭގެ ފަހުން މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިދިޔަ ހުކުރު ދުވަހު ބުނީ އެ ސިޓީގެ  އެކި ސަރަހައްދުތަކުން ފެން ނަގާ ތަހުލީލުކުރިއިރު ފެން ރައްކާތެރި ކަމަށެވެ.

ނަމަވެސް ފުވައްމުލަކު ސިޓީ ކައުންސިލްއިން ބުނީ ފެން ރައްކާތެރި ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި ފެނަކަ ގޮވައިގެން ކޯޓަށް ދާން ވެސް ނިންމާފައިވާ ކަމަށް ކައުންސިލްއިން ވަނީ ބުނެފަ އެވެ. ފެނުގެ އަސްލު ސާފު ކުލައަށްވުރެ ހަޑި އަޅި ކުލައަކަށް ފެން ނުކުމެފައި ހުރި މަންޒަރުގެ ފޮޓޯއާއި ވީޑިއޯ ވެސް ފުވައްމުލަކުގެ ބައެއް މީހުން ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ.

އެކަމަކު ޔޫއާރުއޭއިން ވެސް މިރޭ ނެރުނު ބަޔާނުގައި ބުނީ ފެނަކައިން ފުވައްމުލަކަށް ފޯރުކޮށްދޭ ފެނަކީ އެ އޮތޯރިޓީގެ ސަޕްލައި ވޯޓާގެ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށެވެ.

ދިހަ ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކެނޑުމުން ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. އަދި ރަށުގެ ފިހާރަތަކުން ވެސް ފެން ހުސްވި އެވެ.

އެހެންވެ ވައިގެ މަގުން އެތައް ސަތޭކަ ފެން ކޭސް ސަރުކާރުން ފުވައްމުލަކަށް ފޮނުވި އެވެ. އަދި ސިފައިން ޕިކަޕުތަކުގައި ގޭގެއަށް ފެން ގެންގޮސްދިނެވެ.

Ads by Allied Insurance