ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހޭދައެއް އާސަންދައިން ކަވަރުކުރަން ފަށަނީ
ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހޭދައެއް އާސަންދައިން ކަވަރުކުރާ ގޮތަށް ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝިއަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ ނަފްސާނީ މައްސަލަތަކަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ކުރާ ހަރަދު އާސަންދައިން އެއްކޮށް ނުލިބޭކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
މިއީ އެންމެންވެސް ހައިރާންވެފައި ތިބި ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެހެންވެ އެކަން ނިމުމަކަށް ގެންނާނެކަމަށް ރައީސް މިރޭ ވައުދުވެވަޑައިގަތެވެ.
"އެކެއް ޖެނުއަރީއިން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިކަން ކަވަރުވާނެ."ރައީސް ވިދާޅުވި އެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް ހާއްސަ ސަމާލުކަމެއް އޮތީ ނުދެވިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މިހާރު އަޅުގަނޑުމެން މިވަނީ 50 މިލިއަން ރުފިޔާގެ މަޝްރޫއެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާޜީހުގައި ފަށާފައި"ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ނަފްސާނީ މައްސަލަތައް ވަރަށް ބޮޑެވެ. ނަމަވެސް ނަފްސާނީ ޑޮކްޓަރުންނަށް ދެއްކުމަށް އޮންނަ ކިއު ދިގުވުމާއި އަދި ސައިކޮލޮޖިސްޓުންނަށް ދެއްކުމަށް ކުރަން ޖެހޭ ހަރަދު އާސަންދައިން ކަވަރު ނުކުރާތީ ގިނަ ބަޔަކަށް ނަފްސާނީ ހިދުމަތް ހޯދަން އޮންނަނީ ބޮޑު ހުރަހަކަށް ވެފަ އެވެ.

