ހަ މަސް ތެރޭ ރަސްމާލެ އެއްކޮށް ހިއްކައި ގޯތިވެސް ދެނީ
ހަ މަސް ތެރޭ ރަސްމާލެ އެއްކޮށް ހިއްކައި ގޯތިވެސް ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން މިރޭ ސޯޝިއަލް ސެންޓަރުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މިހާރު އަންދާޒާކުރެވެނީ ރަސްމާލެ ހިއްކަން އަންނަ އެންމެ ބޮޑެތި ޑުރެޖަރުތައް އަންނާނީ އަންނަ މަހު ކަމަށެވެ. އަދި އެކަމަށް މިހާރު އޮތީ ފައިސާވެސް ދައްކާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެއާއެކު ރަސްމާލެ ހިއްކުން އަންނަ މާޗު ނުވަތަ އޭޕްރީލް ހިސާބުގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
" ސަރުކާރުން ޖެނުއަރީ ހަތަރެއްގައި މި ހުޅުވާލަނީ [ގޯއްޗަށް ކުރިމަތިލާން]. އެ ޕްރޮސެސް ތެރެއިން އެ ހޮވޭ ފަރާތްތައް ހޮވާ ނިންމާ ގޯތި ލިބޭ މީހުން ކަނޑައަޅާ ނިންމަން. ބިން ހިއްކާ ނިމެންވާއިރަށް ގޯތި ލިބޭ މީހުންވެސް ކަނޑައަޅާ ނިންމަން. އެގޮތަށް އެކަން ކުރިއަށް ގެންގޮސްދޭނަން" ރައީސް ވިދާޅުވި އެވެ.
ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރު ނުހިއްކާ ސަރަހައްދުތަކުން ގޯތި ދީފައިވާތީ އެކަމަށް ޖޯކު ޖައްސަވައި ރައީސް މުއިއްޒު ވިދާޅުވީ ކަނޑުން އެމަނިކުފާނު ގޯތި ނުދެއްވާނެ ކަމަށެވެ.
"ހިކި ފަސް ތަނުން ގޯތި ދޭނީ. ހިކި ފަސް ތަނުން ގޯތި ލިބޭނެ ކުރިއަށް އޮތް ހަ މަސް ތެރޭގައި"ރައީސް ވިދާޅުވި އެވެ.
ރަސްމާލެ ހިއްކަން ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު އަދި ހިއްކުނީ އެންމެ 200އެއްހާ ހެކްޓަރު އެކަންޏެވެ.
