ފުލުހުންގެ އެހީއަށް އެދިގެން ހޮސްޕިޓަލަށް ގެންދިޔައިރު ހުރީ ޖިންސީ ގޯނާކޮށްފައި
މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު މާލޭ މަގުމަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ޖިންސީ ގޯނާކޮށްފައި ހުރި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އުމުރުން 24 އަހަރުގެ އެ އަންހެން މީހާ ފުލުހުންގެ އެހީތެރިކަމަށް އެދުނީ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރުން ބެލި ބެލުމުން، އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައި ހުރި ކަމުގެ މައުލުމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ރޭ [އާދީއްތަ ދުވަހުގެ ރޭ]ގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
