ސެލޫނެއްގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
މާލޭގައި ހިންގާ ސެލޫނެއްގައި ހަށިވިއްކާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔައީ ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ"ގައި ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަން ހިންގީ އެތަނުގައި ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި، ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނުންނެވެ. އެއީ ގއ. ވިލިނގިލި، ރިވެލި، މުހައްމަދު ސަމާމް ރަޝީދު 28، އާއި ޖުންޕެން ކުމްބޮންފިކަޓް 38، އާއި ޕަޓްޗަރިދާ ބަންނަބޮޑީ 24، އަދި ސުޕަވަޑީ ޖޮމްބަޓަރަކު 21، އެވެ.
މީގެ ތެރެއިން ޕަޓްޗަރިދާ ބަންނަބޮޑީ 30 ދުވަހަށް ބަންދުކޮށްފައިވާއިރު އަނެއް ތިން މީހުން ތިން ދުވަހަށް ބަންދުގައި ބައިތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

